ދައުލަތަށް ލޯލާރިއަކަށްވެސް ދަރާފައެއް ނޯންނާނެ - ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދައުލަތަށް ބިލިއަނެއްހާ ރުފިޔާއަށް ދަރާފައިވާ ކަމަށް ސަރުކާރުގެ ބައެއް މަސްދަރުތަކާއި ހަވާލާދީ އޮންލައިން ނޫހެއްގައި ފަތުރާފައި ވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވި ކުއްލި މައްސަލައަށް ބަހުޘް ކުރައްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، އޭނާ ދުވަހަކުވެސް ސަރުކާރަށް ދަރާފައި ނުވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާގެ ހުރިހާ ރިސޯޓުތައް ބަންދުކޮށް، ގެނައި ހުރިހާ ކޮންޓެއިނަރުތައް ހިފަހައްޓާ، ސަރުކާރަށް ދަރާފައި އޮތް ކަމަށް ބުނެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

"އަޅުގަނޑުގެ ހުރިހާ ރިސޯޓުތައް ބަންދުކޮށް، ގެނައި ހުރިހާ ކޮންޓެއިނަރުތައް ހިފަހަށްޓާ، މިއަދު ސަރުކާރަށް ދަރާފައި އޮތީ އަޅުގަނޑު ކަމަށް ނޫސްތަކުގައި އޮތީ، ކަނޑައެޅިގެން ދޮގެއް އެއީ" ޖާބިރު ވިދާޅުވިއެވެ.

ދައުލަތަށް ލޯ ލާރިއެއްވެސް ދަރާފައި ނުވާނެ ކަމަށް ޖާބިރު ވިދާޅުވާއިރު، ސަރުކާރުގެ ބައެއް މަސްދަރުތަކާއި ހަވާލާދީ އޭނާ 1 ބިލިއަން ރުފިޔާ އާއި 1.5 ބިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ދައުލަތަށް ދަރާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

އަބްދުﷲ ޖާބިރު މިފަހަކުން ފާހަގަވެފައި ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މިވެރިކަން ގެނައުމުގައި އެނާ ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށް ބުނެ މީގެ ކުރިން މީޑިއާ ތަކުގައި ވަނީ ވާހަކަދައްކާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ މެންބަރު ކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް ޖާބިރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވައިގެންވެސް ޖާބިރު ވަނީ ސަރުކާރަށް ވަރަަށް ބޮޑަށް ފާޑުކިއުއްވައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...