މާޒިޔާއިން ނިލަންދޫ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފ.ނިލަންދޫ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިލަންދޫ އާއި ބައްދަލުކުރި މެޗުން މާޒިޔާ މޮޅުވީ 13-0 ގެ ތަފާތު ބޮޑުނަތީޖާއިންނެވެ. އެގޮތުން މެޗު ފެށުމާއެކުވެސް މާޒިޔާގެ ގިނަ އެޓޭކްތައް ވަނީ ފެނިގެން ގޮސްފައެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ ތިންވަނަ މިނެޓުގައި ނާއިޒް ހަސަން އަށް ލިބުނު ބޯޅައެ އެއްވެސް އުނދަގުލެއް ނެތި ވަނީ ނިލަންދޫގެ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

އެއާއެކުވެސް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ މާޒިޔާއިން މެޗުގެ 10 ވަނަ މިނެޓުގައި އިތުރު ގޯލެއް ވަނީ ކާމިޔާބުކޮށްފައެވެ. އަސަދުﷲ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާގެ ދެވަނަ ގޯލް ޖަހައިދިނީ އިބްރާހީމް މަހުދީއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަސަދުﷲ ވަނީ މާޒިޔާގެ ތިންވަނަ ގޯލް ޖަހާފައެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާއިން ވަނީ އިތުރު ފަސް ގޯލް ކާމިޔާބުކޮށްފައެވެ. އެ ގޯލްތައް ޖަހައިދިނީ މޫސާ ޔާމީން އާއި އަސަދުﷲ އާއި އިބްރާހީމް ވަހީދުއެވެ.

މި މެޗުގައި ކެޕްޓަން އަސަދުﷲ އާއި އިބްރާހިމް ވަހީދު ހަސަން ހެޓްރިކް ހަދާފައިވާއިރު ނާއިޒް ހަސަންވެސް ވަނީ ދެ ގޯލް ޖަހާފައެވެ. އަދި ދެވަނަ ހާފްގައި ކުޅެން ނުކުތް ޑިފެންޑަރު ސަމޫހު އަލީ ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...