މިދިޔަ ފަސް އަހަރުގެ ތެރޭގައި މީރާގެ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި މައްޗަށް

ނިމިދިޔަ 2018 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އޭގެ ފަސް އަހަރު ކުރިން ލިބުނު އާމްދަނީއާ އަޅާބަލާއިރު 42.2 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީއަކީ އެ އަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 8.3 އިންސައްތައެވެ، އަދި އޭގެ ކުރި އަހަރު ލިބުނު އާމްދަނީއާ އަޅާބަލާއިރު 7.2 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީ އާއި ބީޕީޓީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ 47 އިންސައްތަ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާއިރު، ބީޕީޓީއާއި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީއަކީ ޖުމްލަ އާމްދަނީގެ 16.6 އިންސައްތަ އަދި 10.1 އިންސައްތައެވެ.

ފާއިތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ އިޤްތިސާދު މީގެ ކުރިން ނުދެކޭހާ މިންވަރަށް ކުރިއަރައިދިޔަ ފަސް އަހަރުގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ. މިކަން މީރާގެ ތަފާސްހިސާބުތަކުން ވެސް ޔަޤީންކޮށްދެއެވެ. އެގޮތުން ފާއިތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި މީރާ މެދުވެރުކޮށް ލިބުނު އާމްދާނީ ވެސް އަހަރުން އަހަރަށް ދެމެހެއްޓެނިވި ގޮތެއްގައި ވަނީ އިތުރުވެފައެވެ.

2013 ވަނަ އަހަރު މީރާގެ ޖުމްލަ އާމްދަނީ 8.9 މިލިއަން ރުފިޔާގައި ހުރިއިރު، 2014 ވަނަ އަހަރުގެ އެ އަދަދު ވަނީ 11.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ޖެހިގެން އައި 2015 ވަނަ އަހަރު މީރާއަށް ލިބުނު ޖުމްލަ އާމްދަނީ 13 ބިލިއަނަށް އިތުރުވިއިރު، 2016 ވަނަ އަހަރު އެ އަދަދު ވަނީ 14.5 ބިލިއަނަށް އިތުރުވެފައެވެ. އަދި 15.1 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު މީރާއިން 2017 ވަނަ އަހަރު ނިންމާލިއިރު، 2018 ވަނަ އަހަރު އާމްދަނީ 16.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި މީރާއިން ބަލައިގަތް ޑޮލަރުގެ އާމްދަނީ ވެސް ވަނީ އަހަރަކުން އަހަރަކަށް ބަލާއިރު އިތުރުވެފައެވެ. އެގޮތުން 2013 ވަނަ އަހަރު 324 މިލިއަން ރުފިޔާ ޑޮލަރުގެ ގޮތުގައި ބަލައިގަތްއިރު، 2014 ވަނަ އަހަރު އެ އަދަދު ވަނީ 417 މިލިއަނަށް އިތުރުވެފައެވެ. އަދި 2015 ވަނަ އަހަރު 518 މިލިއަން ރުފިޔާ ޑޮލަރުގެ ގޮތުގައި ބަލައިގަތުމަށްފަހު ޖެހިގެން އައި އަހަރު 573 މިލިއަން ރުފިޔާ ޑޮލަރުގެ ގޮތުގައި ވަނީ ބަލައިގެންފައެވެ.

ނަމަވެސް 2017 ވަނަ އަހަރުގެ ޑޮލަރުގެ އާމްދަނީއަށް ކުޑަ ހީނަރުކަމެއް ވަނީ އަތުވެފައެވެ. އެގޮތުން އެ އަހަރު ޑޮލަރުގެ ގޮތުގައި ބަލައިގެންފައިވަނީ 567.9 މިލިއަން ރުފިޔާއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ތެރޭގައި މީރާއިން ވަނީ 523 މިލިއަން ރުފިޔާ ޑޮލަރުގެ ގޮތުގައި ބަލައިގެންފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...