ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ ބްރެޒިލް ކުއާޓާއަށް

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ޕެރޫ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ.

ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ބްރެޒިލް ކަށަވަރުކުރީ ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުއެވެ. ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ފުރުސަތު ހޯދީ ބޮލިވިއާ އަތުން 3-1 އިން މޮޅުވި ވެނެޒުއޭލާ އެވެ. ވެނެޒުއޭލާ އަށް ތިން މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވެ ތިން ވަނައިގައި އޮތް ނަމަވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ކުއާޓާއަށް ދަތުރު ކުރުމުގެ ފުރުސަތު ޕެރޫއަށް ވެސް އެބައޮތެވެ.

ޕެރޫއާ ބައްދަލުކުރި މެޗުގައި ބްރެޒިލް ވަނީ ފުރަތަމަ ހާފްގައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑް ލިބުނީ ކަސެމީރޯ ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަތް މިނިޓް ފަހުން ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލެއްސޭ ހެދި ގޯހެއްގެ ފައިދާ ނަގާ ރޮބާޓޯ ފިރްމީނޯ ވަނީ ބްރެޒިލް އަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 32 ވަނަ މިނިޓްގައި ބްރެޒިލްގެ ތިން ވަނަ ގޯލު ޖެހީ ގްރެމިއޯގެ އެވަޓަންއެވެ.

މެޗުގެ 53 ވަނަ މިނިޓްގައި ބްރެޒިލްގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ޑެނީ އަލްވޭސްއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި، މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް ބްރެޒިލްގެ ފަސް ވަނަ ގޯލު ޖެހީ ވިލިއަން އެވެ.

ކުއާޓާ ފައިނަލުގައި ބްރެޒިލް ކުޅެން ޖެހޭނީ ގްރޫޕް ތަކުން ތިން ވަނަ އަށްދާ ޓީމުތަކުގެ ރޭންކިން އަށް ބެލުމަށް ފަހު ގްރޫޕް ބީ ނޫނީ ސީ އިން އަންނަ ޓީމަކާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...