ސަންޗޭޒްގެ ލަނޑާއެކު ކޮޕާ އެމެރިކާގެ ކުއާޓަރއަށް ޗިލީ ދަތުރުކޮށްފި

ސަންޗޭޒްގެ ލަނޑާއެކު އިކުއެޑޯ ބަލިކުރުމަށްފަހު ޗިލީ، ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލުން ޗިލީ ޖާގައެއް ކަށަވަރުކުރީ އެ މުބާރާތުގެ ގްރޫޕް ސީގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ހޯސޭ ފުއަންޒަލީޑާ ވަނީ ލަނޑެއް ޖަހައި، ޗިލީއަށް އެ މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގައިދީފައެވެ. ނަމަވެސް ޗިލީގެ ކީޕަރު އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އިކުއެޑޯއަށް ލިބުނު ޕެނަލްޓީއެއްގައި އެނަރ ވެލެންސިއާ ވަނީ ލަނޑެއް ޖަހައި، އިކުއެޑޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޗިލީ މޮޅުވި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަޑް އެލެކްސިސް ސަންޗޭޒްއެވެ. މިއީ ސަންޗޭޒް ޗިލީގެ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 43 ވަނަ ލަނޑެވެ.

މެޗުގެ 89 ވަނަ މިނެޓުގައި އިކުއެޑޯގެ ގެބްރިއެލް އަކިލިއޭއަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ޗިލީ، އެ މުބާރާތުގެ ކުއާޓަރއިން ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމުން ނިކުންނާނީ ގްރޫޕް ސީ ތާވަލުގެ ދެވަނައިގައި އޮތް އުރުގުއޭއާ ދެކޮޅަށެވެ. ޗިލީގެ އިތުރުން ގްރޫޕް ބީގައި ކޮލަމްބިއާ ވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެގެން ކުއާޓަރއިން ޖާގައެއް ކަށަވަރުކޮށްފައެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...