ބަޔަކު ދަނީ ސުޕްރީމު ކޯޓު ގަނަ ތަޅުވަމުން: ޝަހީދު

- އަލްއުސްތާޒު މުހައްމަދު ޝަހީދު -

މިހާރު ފެނިގެންދަނީ ސުޕްރީމު ކޯޓު ގަނަތަޅުވަން ބަޔަކު މަސައްކަތް ކުރާ މަންޒަރުކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކައުންސިލް މެމްބަރު އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރެވުމުން އަންނަ ތަހުގީގުތަކަކާ ގުޅިގެން ޗެނަލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ، ޝަރުޢީ ނިޒާމުގެ އެންމެ މަތީ ފަރާތާ ކުޅުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެބޭފުޅުން ކުރިން ވިދާޅުވީ ޖުޑިޝިއަރީ އިސްލާހު ކުރާނެ ކަމަށެވެ.

ނަމަވެސް މިއަދު ފެންނަމުން މިދަނީ ޖުޑިޝިއަރީ އިސްލާހުކުރަން މަސައްކަތް ކުރާ މަންޒަރު ނޫން ކަމަށާ މިއަދު ފެނިގެން ދަނީ ޝަރުއީ ނިޒާމުގައި އެންމެ ފަހު ބަސް ބުނާ، އެ ނިޒާމުގެ އެންމެ މަތީ ފަރާތްކަމުގައިވާ ސުޕްރީމު ކޯޓު ކަމަށްވާއިރު އެ ކޯޓުގެ ހުކުމްތަކަށް ގޮން ޖަހާ ބަޔަކު މީހުން އެ ކޯޓު ގަނަ ތަޅުވަމުން ގެންދަވާ މަންޒަރުކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަކީ ސިޔާސީ ގޮތުން ޖަހާ ސްޓަންޓެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހިތްހަމަ ނުޖެހުން މި ސަރުކާރާ މެދު އެކި އެކި ކަންކަމުގައި ހުރިއިރު މިފަދަ ތަހުގީގެއް ހިންގާ އެމްއެމްޕީއާރުސީއާ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅުވައިގެން މައްސަލައެއް ފެންމަތިކުރުމުގެ ބޭނުމަކީ ރައްޔިތުން އެމީހުންގެ ޝަކުވާތައް މަތިން ހަނދާން ނައްތާލާން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ސަރުކާރުގެ އަމާޒަކީ ބޮޑުވެފައިވާ ކަރަންޓް ބިލާ އަދި ސަރުކާރުން ފުއްދައި ދޭން ވައުދުވި ކަންތައް ނުވެވާކަން ރައްޔިތުން ހަނދާންނެތި އެމީހުންގެ ސަމާލުކަން މި ފަދަ ކަންކަމަށް ހުއްޓުވުން ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާއިރު، މިސަރުކާރުން ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާ ދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ބައިކުޅަ ބައިވެސް ފުރިހަމަ ވެފައި ނުވާކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...