އަދުލު އިންސާފުގެ ނިޒާމަށް ދެންވާނީ ކިހިނެތް؟

އަދުލު އިންސާފު ޤާއިމް ކުރެވޭނީ އިސްލާމީ ހިޔާވަހިކަމުގެ ދަށުން ނަމަވެސް ވެރިކަމުގެ އާރާއި ބާރު ބޭނުންކޮށް، މުއައްސަސާތަކުގެ ބޭނުން ނަހަމަގޮތުގައި ނިޒާމުން ބޭރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ފޯރުވައި އެ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް މިހާރުގެ ސަރުކާރު ހިންގަން ތިބި ފަރާތްތަކާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމީ، ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ ބާރު ކަނޑުވާލުމަށް ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީން ކުރަމުންދާ ތަފާތު ގިނަ ކަންކަމުގެ ތެރޭގައި ޝަރުއީ ކޯޓްތައް އުވާލުމުގެ ހީލަތްތެރި ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން ޖުޑީޝަލް ރިފޯމް ކޮމިޝަނެއް އުފެއްދުމުގެ ގަރާރެއް ނަޝީދުގެ ސަރުކާރުގައި އެކުލަވަލާ ތަންފީޒު ކުރުމަށް ރޭވުމާއި ނަޝީދު އަމިއްލަފުޅަށް ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖުޑީޝަލް ރީފޯމް ކޮމިޝަނެއް އުފައްދަވާ އެތަނަށް މެމްބަރުން އައްޔަން ކުރައްވާ ހެއްދެވީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބާރު ކަނޑުވާލާ އެ ނިޒާމް ފުނޑުފުނޑުކޮށްލުމަށެވެ.
އަބަދުވެސް ޖުޑިޝަރީއަށް ފާޑު ވިދާޅުވެ ގޮން ޖައްސަވަމުން ގެންދަވާ ނަޝީދުގެ ވެރިކަމުގެ ދައުރު ފުރިހަމަނުކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގެންނެވި މައިގަނޑު ސަބަބަކީވެސް އޭނާގެ ވެރިކަމުގައި ޝަރުއީ ދާއިރާ ފުނޑާލުމަށް ހިންގި ގިނަ ކަންކަމުގެ ތެރެއިން ފަނޑިޔާރަކު ރަހީނުކޮށް ނިޒާމުން ގެއްލުވާލުމާއި ގުޅިގެން ކަމީ ފެންނާން އޮތް ހަގީގަތެކެވެ.
ރައްޔިތުންގެ ލޮލުގައި ތަފާތު އަނދު އެޅުވުމަށްފަހު ޝަރުއީ ދާއިރާ އިސްލާހް ކުރުމުގެ ނަމުގައި މިހާރުގެ ސަރުކާރު ހިންގަން ތިބި ފަރާތްތަކާއި އެމްޑީޕީގެ އިސްފަރާތްތަކުން މަސައްކަތް ކުރުމަކީ އޮޅުވާލެވޭނެ ކަމެއްނޫނެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ އެއީއެވެ. އެގޮތުން ރާއްޖެގައި އަދުލު އިންސާފު ގާއިމްކުރުމާއެކު މުޅި ޝަރުއީ ނިޒާމް އިސްލާހްކޮށް ހަމަ މަގަށް އަޅުވާނެ ކަމަށް ބުނެ ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގެ ކުލަ ބަދަލުވެ މުޅިން އެހެން އަމާޒަކަށް މިޝްރާބް ޖަހާފައިވާ މަންޒަރު މިދަނީ ފެންނަމުންނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތިން ބާރުގެ ތެރެއިން ފަނޑިޔާރު ގެތަކާއި ފަނޑިޔާރުންގެ ބާރު ކަނޑުވާލާ އެ މުއައްސަސާގެ މިނިވަންކަން ގެއްލުވާލުމަށް މިހާރުގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާއި އޭނާގެ އައުވާނުން ހިންގަމުންދާ ކަންކަމުގެ ސަބަބުން މުޅި ދުސްތޫރީ އޮނި ގަނޑު މިވަނީ ވެއްޔާއި މޮޑެވެން ފަށާފައެވެ. މިހާރުގެ ސަރުކާރާއި ދައުލަތް ހިންގަން ތިއްބެވި ފަރާތްތަކުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބޭނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމުން ފެންނަމުންދާ މަންޒަރުތަކުން ދެން ވާނީ ކިހިނެއްތޯ ވަނީ ސުވާލު އުފެދެން ފަށާފައެވެ.
ހަމައެއް ލަމައެއް ނެތި ޝަރުއީ ދާއިރާ ފުނޑުފުނޑުކޮށްލައިފިނަމަ އެދާއިރާއަށް ރައްޔިތުންގެ އިތުބާރު ގެއްލުމާއި ޒަމާނުން ފެށިގެން ރާއްޖެ ގަބޫލް ކުރަމުން އައިސްފައިވާ ނިޒާމު ހަލާކުވުމާއި ދަށު ކޯޓުތަކުގެ އަގުވެއްޓި އެކޯޓުންތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަން މަތީ ކޯޓް ތަކަށް ދިއުމަށް ފަސް ޖެހުމާއި އަމިއްލައަށް އިންސސާފް ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ފެށުމާއި މަގުމަތިން ކަންކަން ނިންމުމުގެ ސަގާފަތެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ.
ރައްޔިތުންގެ ބަސް އިއްވުމަށް މަންދޫބުން އައްޔަން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހަކީ ކުޅޭކުޅޭ ތަނަކަށް ވެގެން ދިއުމާއި މަޖިލިސް މެމްބަރުން މިއަދު ކޯޓްތަކަކީ އިތުބާރު ހިފޭ ތަންތަން ނޫން ކަމަށް ބުނެ ވަކި ބަޔަކު އައްޔަން ކުރެއްވި ނަމަވެސް އެތަންތަނަށް އިހުތިރާމްކޮށް ކަރާމާތް ދަމަހައްޓާނެ ރައްޔިތުން ނުތިބުމާއި އެކަން ކުރާނެ ފަރާތެއް ނެތުމާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށާއި އިސް މަގާމުތަކުގައި ތިއްބަވާ ވެރިންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ މުޅި ގައުމާއި ރައްޔިތުން ފާލުން ނެއްޓުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ގައުމުގައި އުފެދޭ އެންމެހާ މައްސަލަތައް ހައްލުވާނީ ކޯޓްތަކަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ހިފިގެން ކަމަށްވީއިރު ނިޒާމުން ބޭރުން ޝަރުއީ ދާއިރާއަށް އަތް ބާނާ ފުނޑުފުނޑު ކޮށްލައިފިނަމަ އިއާދަ ކުރަން އުނދަގޫވާފަދަ ހާލަތަކަ ޤައުމު ވެއްޓޭނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
މިއަދުގެ ގައުމު ހިންގުމުގެ އާރާއި ބާރު ލިބުމުން ކޮންމެ ކަމެއް ކުރިނަމަވެސް އެބައެއްގެ ޒިންމާއިން އެކަހެރިވުމުން ޤައުމުގެ މުސްތަގުބަލަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ މަޖިލީހާއި ކޯޓްތަކާއި ތަންފީޒީ އިދާރާތަކުން ނަގަން ޖެހޭނެ ކަމީ ޔަގީންވާ ކަމެކެވެ.
ރައްޔިތުންގެ ބަސް އިއްވާނެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ބަޔަކު އިންތިޚާބުކުރީ ޤައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ދަމަހައްޓާ ޤައުމިއްޔަތު އަދި ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލްތަކާއި އާދަކާދަތައް ވެއްޔާ މޮޑެލުމަކަށް ނޫނެވެ. ޤައުމިއްޔަތޭ ވަތަނޭ ހުއްބުލް ވަތަނޭ މާތްވެގެންވާ އިސްލާމް ދީނާއި ދީނުގެ ހިމާޔަތޭ ކިޔުމުގެ ބަދަލުގަ އެ ބަސްތައް ފޮތް ފޮތުގެ ސަފްހާތަކުން ފިޔަވާ ނުފެންނާ ކަމީ މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެވެ.
ޤައުމުދެކެ ލޯބިން ޤައުމީ ވަންތަ ކަމާއި ދިވެހިންގެ ވައްޓަފާޅި ތަމްސީލްވާ ފަދައިން ހެދި ލަވަތައްވެސް ވެގެންދާނީ ސިއްރުން އަޑުއަހާ އެއްޗަކަށެވެ.
މީގެ އިތުރުން ކާބަފައިން ޤައުމަށްޓަކައިވީ މަތިވެރި ގުރުބާރީއާއެކު ދިވެހި ފަސްގަނޑަށް އޮހޮރުވާލި ސާފު ލެޔާއި އެބައި މީހުން ކުރި މަތިވެރި ޖިހާދުގެ އަގެއްވެސް ނޯންނާނެއެވެ. އަދި މިހާރުގެ ޖީލުން އަންނާން އޮތް ޖީލުތަކަށް ގައުމިއްޔަތޭ ކިޔައިގެން ދައްކާނެ ވާހަކައެއްވެސް ނޯންނާނެއެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިގޮތަށް ޝަރުއީ ނިޒާމުގެ ބާރު ކަނޑުވާލުމަށް ހިންގަމުންދާ ނާ ތަހުޒީބު ކަންކަން ހުއްޓައިނުލައިފިނަމަ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި މުސްތަގިއްލުކަން ކުޑަވެގެންދާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ލޮލް 22 ޖޫން 2019 - 21:36

    މިހާރަކަށް އައިސް ލިޔުންތަކުގައި ހާދަ ކުށް ބަސް ގިނައޭ. ކިހިނެއްތަ އެވަނީ. އެޑިޓަރުގެ ޒިންމާއެއްވެސް ނެތީތަ. ހަމަ ލިޔެ ލިޔެފަ އަޅަނީދޯ

ގުޅުން ހުރި
Loading...