ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ސަސްޕެންޑު ކުރުމަށް މީކާއިލު ގޮވާލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ސަސްޕެންޑު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވާލައްވައިފިއެވެ.

ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބުގެ ގޮތުގައި ހުންނަވާ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު ސަސްޕެންޑު ކުރުމަށް މީކާއިލް ގޮވާލައްވާފައިވަނީ އޭނާ ކުރި ޓުވީޓެއްގައެވެ.

މީކާއިލްގެ ޓުވީޓުގައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ހިޔާނާތުގައި އަނބިކަނބަލުން ޣާނިޔާގެ އަތެއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން ޚިޔާނާތުގެ އެފަދަ ބޮޑު ތުހުމަތެއް ކުރެވޭއިރު ފޮރިން މިނިސްޓްރީގެ މަގާމެއްގައި އޭނާ ހުރުން އެކަށީގެން ނުވާކަމަށް މީކާއިލް ވިދާޅުވިއެވެ.

ޣާނިޔާ އަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވި ބޭފުޅެކެވެ. ޖޭއެސްސީން އޭނާގެ ފިރިކަލުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށް ސުވާލު ކޮށްފައިވަނީ ޣާނިޔާގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައަކާ ގުޅިގެންނެވެ.

އަދި އެ ފައިސާއަކީ 2015 އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކްރިމިނަލް ކޯޓުން 13 އަހަރުގެ ޖަލު ހުކުމު އިއްވިއިރު ފަނޑިޔާރުންގެ ބެންޗުގައި ދީދީ އިންނެވިއިރު އޭނާ ރިޝްވަތުގެ ގޮތުގައި ނެންގެވި ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ނަޝީދުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލަ މިހާރުވަނީ ބަލަން ފަށާފައެވެ. ނަމަވެސް ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށް ބުނެ ސުޕްރީމު ކޯޓުންވަނީ އަމުރެއް ނެރެފައެވެ.

ނަމަވެސް އަބްދުﷲ ދީދީ މީގެކުރިން ބުނެފައިވަނީ އޭނާ އާ ގުޅުން ހުރި އެއްވެސް އެކައުންޓެއްގައި ޞައްޙަ ނޫން ފައިސާ އެއް ނުހުންނާނެ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...