ތަރައްގީ ގެނައުމުގައި އަތޮޅުތެރެއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވޭ: ރައީސް ޞޯލިހު

ރައީސް ޞޯލިހު މޯލްޑިވްސް ޕާރޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޗެނެލް13

ރާއްޖެއަށް ތަރައްގީ ގެނައުމުގައި އަތޮޅުތެރެއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާރޓްނާޝިޕް ފޯރަމް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި އަތޮޅުތަކުގެ ތެރެއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، އެކަން ބަދަލުކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.

އެގޮތުން ސިއްހީ އަދި ތައުލީމީ ދާއިރާއިން އަސާސީ ހިދުމަތްތައް ހޯދަން އަމިއްލަ ރަށް ދޫކޮށް މާލެއަށް އަތޮޅުތެރޭގެ ރައްޔިތުން ދަތުރު ކުރަމުން އަންނަތާ އެތައް ޒަމާންތަކެއް ވެފައިވާ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން، މާލެއަށް އިޖުތިމާއީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލު ކުރަން މިހާރުވެސް ލަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ހުށަހަޅާފައިވާ ލާމަރުކަޒީ ސިޔާސަތުން އެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއެވެ.

އަދި ތަރައްގީއާއި އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ލިބެން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ވައުދުވެފައިވާ "ޖަޒީރާ ރާއްޖެ" ތަސައްވަރުގެ ތެރެއިން ގައުމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުވެގެންދާނެ ކަމަށާއި، ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ޞޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުތަކުން އަތޮޅުތެރޭގެ ރަށްތަކަށް ތަރައްޤީ ގެނެސްދެއްވާފައި ނުވާ ކަމަށް ރައީސް ޞޯލިހު ތުހުމަތު ކުރެއްވިއިރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އަތޮޅުތެރޭގެ ރަށްތަކަށް މީގެ ކުރިން ގެނެސްފައިނުވާ ފަދަ ގިނަގުނަ ތަރައްޤީ ގެނެސްދެއްވާފައެވެ.

އެގޮތުން ސްކޫލުތަކަށް އެންމެ ޒަމާނީ ތައުލީމުގެ ނިޒާމު ގެނެސް ދެއްވާ، އަތޮޅުތެރޭގެ ރަށްތަކަށް ފެނާ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓުތައް އަޅުއްވާ ދެއްވާ ދިވެހި ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެއްވިއެވެ.

މީގެ އިތުރުން ޞިއްޙީ ނިޒާމު ހަރުދަނާ ކުރައްވާ އެތައް ޞިއްޙީ މަރުކަޒުތަކެއް ހޮސްޕިޓަލު ފެންވަރަށް ތަރައްޤީކޮށްދެއްވިއެވެ. އަދި ލާމަރުކަޒީ އުޞޫލުން ތަރައްޤި ގެނެސްދެއްވާނެ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއިރު އެއީ ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އެމްޑީޕީން ގެންގުޅުނު ނާކާމިޔާބު ސިޔާސަތެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޝަހީދު 18 ޖޫން 2019 - 19:02

    ސުލޯލިހުގެ ވެރިކަމަށް ހަތްމަސް ދުވަސްވީއިރު ވީކަމެއް ޙަރާމެވެ. މުޅިންވެސް ފެންނަނީ އިތުރުފުޅު ހެއްދެވުމާއި އޮޅުވާލުމެވެ.

ގުޅުން ހުރި
Loading...