ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތައް ވަގުތުން ތަހުގީގު ކޮމިޓީއާ ހަވާލު ކުރެވޭ ގޮތަށް ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތައް ވަގުތުން ތަހުގީގު ކޮމިޓީއާ ހަވާލު ކުރެވޭ ގޮތަށް އެކޮމިޝަނުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މި ގޮތަށް އިސްލާހު ގެނެސްފައިވާއިރު މީގެ ކުރިން ހިންގާ ގަވާއިދުގައިވާ ގޮތުން ކޮމިޝަނުން އަމަލު ކުރަމުން އައި ގޮތަކީ، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި، މައްސަލަ ތަހުގީގު ކޮމިޓީއާ ހަވާލުކުރުމުގެ ކުރިން ފުރަތަމަ މަރުހަލާގައި، ކޮމިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން އެ މައްސަލައަކީ ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބަލައި ރިޕޯޓެއް ތައްޔާރު ކުރަން ޖެހެއެވެ.

ޖޭއެސްސީން ބުނީ، ކޮމިޝަނުން ބޭއްވި 35 ވަނަ ބައްދަލުވުމުގައި ފުރަތަމަ މަރުހަލާގައި އެ ރިޕޯޓު ހުށަހަޅަން ނުޖެހޭ ގޮތަށް ކޮމިޝަންގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާ ކަމަށެވެ

އެގޮތަށް އިސްލާހު ގެނައުމުގެ ބޭނުމަކީ، ކޮމިޝަނުން ބަލައި މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ކޮމިޝަނުން ބުނީ، މިހާރު ގެނައި އިސްލާހާއެކު، ކޮމިޝަންގެ ވަކީލުން ފުރަތަމަ މަރުހަލާގައި ރިޕޯޓް އެކުލަވާލަން ނުޖެހި، ކޮމިޝަނުން ބަލަން ޖެހޭ މައްސަލައެއް ނަމަ ވަގުތުން ތަހުގީގު ކޮމިޓީއަށް ފޮނުވިދާނެ ކަމަށެވެ.

ޖޭއެސްސީގެ މި ނިންމުމާއެކު ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ގެނައި އިސްލާހެއް ކަމަށެވެ. އަދި ޖޭއެސްސީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ޖޭއެސްސީގެ ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އެ ކޮމިޝަނުން ނިންމިއިރު، އެ ކޮމިޝަނުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީ ވެސް އެކުލަވާލައިފައެވެ.

އަދި އެ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު ޑީޑީ ރޭގެ ވަގުތެއްގައި ވަނީ ހާޒިރު ވެސް ކޮށްފައެވެ. ނަމަވެސް އެ ތަހުގީގު އާންމުންނަށް ހުޅުވާލަން ފަނޑިޔާރު ޑީޑީ އެދިވަޑައިގަތުމުން އެކަމުގައި ކޮމިޝަނުން ގޮތެއް ނިންމުމަށް އެ ތަހުގީގު ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

ޖޭއެސްސީގެ އެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދު ދީދީގެ މައްސަލައިގައި ވާހަކަދެއްކުމަށް ސުޕްރީމު ކޯޓަށް އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ފޮނުއްވަން ވަނީ ނިންމާފައެވެ. އަދި ޑީޑީގެ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓަށް ދަންނަވަން ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...