ޤާނޫނު އަސާސީ އުވާލާނެ ކަމުގެ އިންޒާރު ފޭދޫ ދާއިރާގެ މެމްބަރު ދެއްވައިފި

ޤާނޫނު އަސާސީ އުވާލާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ދެއްވައިފިއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ، ޖޭއެސްސީ މިނިވަން ވެގެން ނޫނީ މި ޤައުމުގައި އިންސާފުވެރި ޖުޑީޝަރީއެއް ނުއުފެއްދޭނެ ކަމަށާއި އެކަމަށްޓަކައި ޤާނޫނުއަސާސީ އުވާލައިގެން ވިޔަސް ފަނޑިޔާރު ގެއާއި ޖުޑީޝަރީ އިސްލާހު ކުރާނެ ކަމަށެވެ.

ނިހާދު ވިދާޅުވީ ޤާނޫނުއަސާސީގައި ޖުޑީޝަލް ސާރވިސް ކޮމިޝަން އަށް ބޮޑެތި ބާރުތަކެއް ދީފައިވީ ނަމަވެސް ޖޭއެސްސީ ވަނީ ހިސޯރުކުރެވިފައި ކަމަށެވެ. އަދި ފަނޑިޔާރުގޭގައި ހިންގަމުން ދަނީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށާއި މިހާރު ނުކުމެ އެތިބީ އެކަންކަން އިސްލާހު ކުރުމަށް ކަމަށާއި އިތުރަށް ވައްކަން ކުރަން ކޮރަޕްޓް ފަނޑިޔާރުންނަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އުވާލައިގެން ވިޔަސް ނުވަތަ ޤާނޫނު އަސާސީގެ ވަކި މާއްދާތައް އުވާލައިގެން ނަމަވެސް ޖުޑީޝަރީ އިސްލާހުކުރާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ބަދަލުކޮށް މުޅި ޖުޑީޝަރީ އިސްލާހު ކުރުމަށް ގޮވާލާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...