ރައީސް ވިދާޅުވާ ގޮތަށް ކަންކަން ނިމޭއިރު ޤައުމު އޮންނާނެ ހާލަތާމެދު ސުވާލު އުފެދޭ: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވާ ރާއްޖެ ކަށަވަރުކޮށް ނިމޭއިރު މުސްލިމް، ދިވެހިވަންތަ އެއްވެސް ސިފައެއް މި ޤައުމުން ފެންނަން ހުންނާނެ ތޯ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.

އަބްދުއްރަހީމް މިފަދައިން ސުވާލު ކުރެއްވީ މޯލްޑިވްސް ޕާރޓްނާޝިޕް ފޯރަމްގައި ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ފޯރަމްގައި ސަރުކާރުން ވައުދުވެފައިވާ "ޖަޒީރާ ރާއްޖެ" ތަސައްވަރުގެ ތެރެއިން ގައުމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުވެގެންދާނެ ކަމަށާއި، ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެކަން ކޮށް ނިމޭއިރު ދިވެހިންގެ ބާރު ދިވެހިންގެ މައްޗަށް ހިނގާނީ ކިހާ މިންވަރަކަށް ތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއިރު، އޭގެ ފަހުން ޤައުމުގެ މިނިވަންކަން އޮންނާނީ ކިހާ ހިސާބެއްގައިތޯ ވެސް އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައީސް ޞާލިހު ވިދާޅުވާ ރާއްޖެ ކަށަވަރުކޮށް ނިމޭއިރު ރައްޔިތުން ބާރުވެރި ވާނީ ކިހާ މިންވަރަކަށް ތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މި ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކާއި ނިންމާ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް ގެއްލުންވެދާނެ ކަމަށް ބުނެ އަޑުއުފުލާ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...