ކްރައިސްޓްޗަރޗް މިސްކިތަށް ދިން ހަމަލާ ދައްކުވައިދޭ ވީޑިއޯ ހިއްސާކުރި މީހަކު ޖަލަށްލައިފި

ކްރައިސްޓްޗަރޗް މިސްކިތަށް ދިން ހަމަލާ ދައްކުވައިދޭ ވީޑިއޯ ހިއްސާކުރި ފިލިޕް އާޕްސް

މާޗް މަހު ނިއުޒިލެންޑްގެ ކްރައިސްޓްޗަރޗް މިސްކިތަށް ދިން ނިރުބަވެރި ހަމަލާ ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ހަ މީހުންގެ ތެރެއިން އެކަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އެ ވީޑިއޯ ހިއްސާކޮށްފައި ވަނީ އުމުރުން 44 އަހަރުގެ ފިލިޕް އާޕްސް ނަމަކަށް ކިޔާ ނިއުޒިލެންޑްގެ ވިޔަފާރިވެރިއެކެވެ. އޭޕްރީލް މަހުގެ ތެރޭގައި އެ ވީޑިއޯ ހިއްސާކުރި ކަމަށް އޭނާ އިޢުތިރާފުވެފައިވާއިރު، އޭނާގެ މައްޗަށް 21 މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އޭނާ ވަނީ 30 މީހަކަށް އެ ވީޑިއޯ ހިއްސާ ކުރުމަށްފަހު، އެ ވީޑިއޯގައި "ކިލް ކައުންޓް" ނުވަތަ މީހުން މަރުވާ އަދަދު އަރާ ގޮތަށް އެޑިޓް ކުރުމަށް އެދިފައެވެ. ކިލް ކައުންޓްގެ އިތުރުން ކްރޮސްހެއާ ވެސް ހިމެނޭ ގޮތަށް އެ ވީޑިއޯ އެޑިޓްކޮށް ނިންމާފައިވާ ކަމަށް ކޯޓުގައި އޭނާ އެއްބަސްވިއިރު، އޭނާ ހައްޔަރުކޮށްފައިވަނީ އެ ވީޑިއޯ އާންމު ކުރުމުގެ ކުރިންނެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވި ގާޒީ ވިދާޅުވީ އެ ވީޑިއޯއާގައި މަރުވި މީހުންނާ މެދު އޭނާގެ ފަރާތުން އެއްވެސް ހަމްދަރުދީއެއް ފެނިފައި ނުވާ ކަމަށެވެ. ނިއުޒިލެންޑްގެ އަލް ނޫރު މިސްކިތުގެ ތެރޭގައި އޫރެއްގެ ބޯ ބޭއްވި ކަމުގެ ކުށުގައި 2016 ވަނަ އަހަރު ވެސް އާޕްސްގެ މައްޗަށް ވަނީ ހުކުމެއް ކޮށްފައެވެ.

މިދިޔަ މާޗް 15 ވަނަ ދުވަހު ކްރައިސްޓްޗަރޗް މިސްކިތަށް ދިން ނިރުބަވެރި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި އެޤައުމުގައި ދިން އެފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. އެ ހަމަލާގައި 51 މުސްލިމުން ވަނީ ޝަހީދުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...