ވިމެންސް ވަރލްޑް ކަޕްގެ ގަދަ 16 އަށް ފްރާންސް ދަތުރުކޮށްފި

ފްރާންސް މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ވެންޑީ ރެނާޑް

ވިމެންސް ވަރލްޑް ކަޕްގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް ޓީމް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ފްރާންސް ޓީމް ކަށަވަރު ކުރީ ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށްގެންނެވެ. މެޗުގެ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވެންޑީ ރެނާޑް ޖަހައިދިން ލަނޑާއެކު ފްރާންސުން އެ މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޖެހުމަށްޓަކައި ރެނާޑްއަށް ވަނީ ދެ ފުރުސަތު ލިބިފައެވެ. އެގޮތުން ފުރަތަމަ ޖެހި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ނައިޖީރިއާގެ ކީޕަރު މާ އަވަހަށް ރޮނގުން ބޭރަށް ނުކުތް ކަމަށް ނިންމާ އަލުން ޕެނަލްޓީ ޖެހުމުގެ ފުރުސަތު ރެފްރީ ވަނީ ދީފައެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ރެނާޑް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން އެ މެޗުން ފްރާންސް މޮޅު ކޮށްދީފައެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ގަދަ 16 އަށް ފްރާންސް ދަތުރުކުރިއިރު، ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ނައިޖީރިއާއަށް އަދިވެސް ގަދަ 16 އަށް ދަތުރު ކުރުމުގެ ފުރުސަތު އެބައޮތެވެ.

އެގޮތުން މުބާރާތުގެ ހަ ގްރޫޕްގެ ހުރިހާ މެޗުތައް ނިމުމުން ތާވަލުގެ ތިންވަނަ ލިބޭ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމަށް ގަދަ 16 އަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ މުބާރާތުގައި މިހާތަނަށް ގަދަ 16 އިން ޖާގަ ކަށަވަރު ވެފައިވާ ޓީމުތަކަކީ ފްރާންސް، ނޯވޭ، ޖަރމަނީ، ސްޕެއިން، އިޓަލީ، އިންގްލެންޑް، ޖަޕާން، ނެދަލެންޑްސް، ކެނެޑާ އަދި ސްވިޑަންގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަންސް ޔޫއެސްއޭއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...