ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ސާރާ ނަތަންޔާހޫ އިޢުތިރާފުވެވަޑައިގެންފި

އިޒްރޭލް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން، ސާރާ ނަތަންޔާހޫ އިޢުތިރާފުވެވަޑައިގެންފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޭރުން ކޭން ބެއްލެވުމަށްޓަކައި އިޒްރޭލްގެ ދައުލަތުގެ ފައިސާއިން 99،300 ޑޮލަރު ބޭނުން ކުރެއްވި ކަމަށް ސާރާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތަށް އެ ފައިސާ ބޭނުން ކުރެއްވި ސަބަބެއް ކަމަށް ސާރާ ވިދާޅުވީ، އެކަމަނާ އުޅުއްވާ ގެކޮޅުގައި އެ ދުވަސްވަރު ކައްކާނެ މީހަކު ނެތުމުން ކަމަށެވެ.

އެ ތުހުމަތުތަކަށް ސާރާ އެއްބަސްވެވަޑައިގެންނެވި ނަމަވެސް ސާރާއަށް ކޮށްފައިވަނީ ވަރަށް ލުއި ހުކުމެކެވެ. އެގޮތުން ސާރާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ފައިސާގެ ތެރެއިން އަނބުރާ ދައްކަވަން ޖެހިވަޑައިގަންނަވާނީ 12،490 ޑޮލަރެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަވަން ޖެހޭ ފައިސާގެ އަދަދަކީ 2،777 ޑޮލަރެވެ.

ސާރާގެ މައްޗަށް ލުއި ހުކުމެއް ކުރި ނަމަވެސް އެކަމަނާގެ ކުށުގެ ރިކޯޑުގައި އެ މައްސަލަ އޮންނާނެ ކަމަށް އިޒްރޭލްގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސާރާ ނަތަންޔާހޫގެ މައްޗަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެފައިވާއިރު، އެކަމަނާގެ ފިރިކަލުން ބެންޖަމިން ނަތަންޔާހޫ އިޒްރޭލްގެ އެޓަރނީ ޖެނެރަލްއަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވި ކަމުގެ ތިން މައްސަލައެއްގެ ޝަރީއަތް އިޒްރޭލްގެ ސުޕްރީމް ކޯޓުން ދަނީ މިހާރު އެބަ ކުރިއަށްދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...