ކޮޕާ އެމެރިކާގައި އުރުގުއޭއިން ތަފާތު ބޮޑު ނަތީޖާއަކުން އިކުއެޑޯގެ މައްޗަށް ކުރި ހޯދައިފި

ކޮޕާ އެމެރިކާގެ ގްރޫޕް ސީގައި އުރުގުއޭއާއި އިކުއެޑޯ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އުރުގުއޭ ކާމިޔާބުކޮށްފިއެވެ.

އުރުގުއޭއިން އެ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 6 ވަނަ މިނެޓުގައި ނިކޮލަސް ލޮޑެއިރޯ ޖަހައިދިން ލަނޑާއެކު އުރުގުއޭއަށް އަވަސް ލީޑެއް ލިބުނުއިރު، މެޗުގެ 24 ވަނަ މިނެޓުގައި އިކުއެޑޯގެ ޑިފެންޑަރު ހޯސޭ ކުއިންތެރޯސް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ޑިއޭގޯ ގޯޑިން ފަހިކޮށްދިން ފުރުސަތަކުން އެޑިންސަން ކަވާނީ ވަނީ ލަނޑެއް ޖަހައި، އުރުގުއޭގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ސުއަރޭޒް ޖަހައިދިން ލަނޑާއެކު އުރުގުއޭއިން ފުރަތަމަ ހާފު ނިންމާލީ 3-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ފަހު ލަނޑަކީ މެޗުގެ 78 ވަނަ މިނެޓުގައި އިކުއެޑޯގެ ޑިފެންޑަރު އާޓޫރޯ މީނާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އެ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ގްރޫޕް އޭގައި ބްރެޒިލްއިން ބޮލީވިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދިއިރު، ވެނެޒުއޭލާއާއި އަދި ޕެރޫ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ގްރޫޕް ބީގައި 2-0 ގެ ނަތީޖާއަކުން ކޮލަމްބިއާ އަތުން އާޖެންޓީނާ ބަލިވިއިރު، ޕެރެގުއޭއާއި ޤަތަރު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...