ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުއްވި ކުއްލި އަމުރާއި ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ވަނީ، ޙުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަ ގައިދީއަކު ވަގުތުން މިނިވަން ކުރުމަށާއި މަޖިލިސް މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުންވެސް ނިންމާފައިވާ މެންބަރުން ތަކެއްގެ މެންބަރުކަން ނުގެއްލޭ ކަމަށް އަމުރެއް ނެރުއްވާފައެވެ.
ސުޕްރީމް ކޯޓުން އެފަދަ ކުއްލި އަމުރެއް ނެރުއްވުމާއި އެ އަމުރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ބާތިލް ކުރައްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާ އެދުވަސްވަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރު ބާތިލް ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސޮޔާއެކު ނެރުއްވި އަމުރަކާއެކުއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ނުފޫޒު ވަދެފައިވާ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ބާތިލު ކުރުމަށް ނެރުއްވި އަމުރުގައި ސޮއިކުރެއްވި ތިން ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...