މިހާރު އޮތް ސްޕޯޓްސް ކައުންސިލް އުވާލުމަށްފަހު، އާ ކައުންސިލެއް އެކުލަވާލަނީ

ކުޅިވަރާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ސްޕޯޓްސް ކައުންސިލް އުވާލައިފިއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި މަހްލޫފު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން ފާސްކޮށްފައިވާ ކުޅިވަރާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަން ބަޔާންކޮށްފައިވާ ސްޕޯޓްސް ކައުންސިލް އެކުލަވާލުމަށްޓަކައި މިހާރު އޮތް ކައުންސިލް އުވާލައްވާފައިވާ ކަމަށެވެ. އަދި ދެން އެ ކައުންސިލް އެކުލަވާލައްވާނީ އިންތިހާބު ކުރަން ޖެހޭ މެމްބަރުންނާއެކު ކަމަށް މަހްލޫފުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

އެ ޤާނޫނުގައި ބުނާ ގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޕޯޓްސް ކައުންސިލެއް، ކުޅިވަރާ ބެހޭ ވަޒީރު އެކުލަވާލައްވަން ޖެހޭނެއެވެ.

ސްޕޯޓްސް ކައުންސިލްގައި ހިމެނޭ 11 މެމްބަރުންނަކީ ކުޅިވަރާ ބެހޭ ވަޒީރު އައްޔަން ކުރައްވާ ދެ ފިރިހެން އަދި ދެ އަންހެން ބޭފުޅުންނާއި ޤާނޫނީ ވަކީލެއްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލު ކުރުމަށްޓަކައި އެ މިނިސްޓްރީގެ ފަރާތުން އައްޔަން ކުރައްވާ މެމްބަރަކާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލު ކުރަން ހަމަޖައްސާ ދެ މެމްބަރުން އަދި އޮލިމްޕިކް ނޫން ކުޅިވަރުތައް ތަމްސީލް ކުރަން ހަމަޖައްސާ ދެ މެމްބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...