ރާއްޖެއިން ދެ ގައުމަކަަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރައްވައިފި

ދިވެހިރާއްޖެއިން ދެ ގައުމަކަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް ޞާލިހް ވަނީ ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް މާފަންނު ބީނާފުށި އާއިޝަތު އަޒީމާ އަދި އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގަލޮޅު އުތުރުގެއާގެ މުހައްމަދު ހަލީލް އައްޔަން ކުރައްވާފައެވެ.
މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖެއިން ޗައިނާގެ ސަފީރަކަށް އައްޔަން ކުރެއްވި އަޒީމާ އަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެއެކި ފަންތީގެ މަގާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.
ދިވެހިރާއްޖެއިން އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާގެ ސަފީރަކަށް އައްޔަން ކުރެއްވި ހަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުހައްމަދު ހަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުހައްމަދު ހަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...