މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމުގެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ 13.30 ގެ ނިޔަލަށެވެ. މަތީ ތަޢުލީމުގެ ލޯނަށް ކުރިމަތި ލެވޭނީ އެކަމަށް ޤާއިމްކޮށްފައިވާ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިފަހަރު ހުޅުވާލާފައި ވަނީ 163 ލޯން ފުރުސަތެވެ. އެއީ ފުރަތަމަ ހުޅުވާލި 242 ލޯނު ފުރުސަތުގެ ތެރެއިން 79 ފަރާތަކަށް ލޯން ހަމަޖެއްސުމަށް ފަހު ބާކީ އޮތް މިންވަރެވެ.

ފުރަތަމަ ލޯނަށް ހުޅުވާލުމުން 993 ދަރިވަރަކު ވަނީ ފޯމު ހުށަހަޅާފައެވެ. މަތީ ތަޢުލީމުގެ ލޯނަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން ފެންވަރު ދިހައެއްގެ ކޯހެއް ފުރިހަމަ ކުރަން ނުވަތަ ލައިސަންސް ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށެވެ.

ލޯނު ދޫކުރާނީ "ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 ޖޫން" މަހުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތަކަށް އެކަންޏެވެ. މިހާރު ކިޔަވަމުންދާ ދަރިވަރެއް ނަމަ، އިސްކަންދޭނީ ކޯސް ފުރިހަމަކުރުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށެވެ. މިގޮތުން އެއްވަރު ވެއްޖެ ހާލަތެއްގައި ބެލެވޭނީ މެރިޓް އުޞޫލަށެވެ.

މިއަހަރު ސަރުކާރުން ލޯނު ދޫކުރަން ނިންމާފައި ވަނީ ފާއިތުވި އަހަރުތަކަށް ވުރެ ވަރަށް ބޮޑަށް މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން 600 ދަރިވަރުންނަށް ލޯނު ދެއްވިއެވެ. އަދި 2017 ވަނަ އަހަރު 500 ދަރިވަރުންނަށް 2016 ވަނަ އަހަރު 400 ދަރިވަރުންނަށް ލޯނު ދެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...