ރިޔާސީ ކޮމިޝަނަށް އަދީބު ހާޒިރުކޮށް ސުވާލުކޮށްފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ރިޔާސީ ކޮމިޝަނުން ވިދާޅުވީ އަދީބު އެކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވަނީ ނޫސްވެރިޔާ ރިލްވާން ގެއްލިފައިވާ މައްސަލަ އާއި ޑރ.އަފްރާޝީމް މަރާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކަމަށް ރިލްވާންގެ މައްސަލައިގައި އަދީބުގެ ބައިވެރިވުމެއް އޮތްތޯ ބަލައިދޭން ރިލްވާންގެ އާއިލާ އިން ވެސް ވަނީ މީގެ ކުރިން އެދިފައެވެ.

ރިޔާސީ ކޮމިޝަނުން ވިދާޅުވީ އަދީބުގެ ބަޔާނެއް ކޮމިޝަނުން ނަގާފައިވާނެ ކަމަށެވެ. އަދީބު ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރި ކުރުމާއި ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ރިޔާސީ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރުމާއި ބެހޭ ގޮތުން އަދީބުގެ ފަރާތުން ވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެމައްސަލަތަކުގެ ހަޤީޤަތް ހޯދުމާއި އިންސާފު ގާއިމް ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވިފައި ނުވާކަމަށް ވިދާޅުވެ ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމިޝަނުން ބަލަމުން ގެންދާނީ 01 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ހިނގާފައިވާ މަރުތަކާ ހާދިސާތަކެވެ.

ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ކުރާ ބައެއް މައްސަލަތަކުގެ ހަޤީޤަތް މިހާރު ހޯދިފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވި ނަމަވެސް އެއްވެސް މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައެއް ނުވެއެވެ. އަދި މައްސަލަތަކުގައި ލިބިފައިވާ ކުރިއެރުންތަކުގެ މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...