ލަނޑު ގޯންޏަކާއެކު އެމެރިކާގެ އަންހެން ޓީމުން ރެކޯޑް މުގުރާލައިފި

އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ތައިލަންޑު ކޮޅަށް ޖެހި 13 ގޯލުއެކު ވޯލްޑް ކަޕް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހި ރެކޯޑް އެމެރިކާއިން ހަދައިފިއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއިން މިއަހަރުގެ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ރެކޯޑް ހަދާފައި މިވަނީ 2007 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕުގައި އާޖެންޓީނާ އަތުން 0-11 ގެ ނަތީޖާއިން މޮޅުވެ ޖަރުމަނު ޓީމުން ހަދާފައިވާ ރެކޯޑް މުގުރާލުމަށްފަހުއެވެ.
އެމެރިކާ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު މެޗުގައި އެމަރިކާ ޓީމަށް ގޯލް ހުޅުވާލަދިނީ ހުނަރުވެރި ފޯވާޑް އެލެކްސް މޯގަންއެވެ. އެލަނޑަށްފަހު ތައިލަންޑް ޓީމުން ފަހަތައްޖެހި ޑިފެންސް ކުރި ނަމަވެސް އޭގެ އިރަކޮޅެއް ފަހުން ރޯސް ލަވެލް ވަނީ އެމެރިކާއަށް ލީޑު ފުޅާ ކޮށްދީފައެވެ.
އޭގެ ފަހުންވެސް ލީޑް ފުޅާ ކުރުމަށް އެމެރިކާއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ މެޗުގެ ފުރަތަމަ ނިމިގެން ދިޔައީ ލިންޑްސޭ ހޯރަން ކާމިޔާބުކޮށްދިން ލަނޑާއެކު ތިނެއް ސުމެއްގެ ނަތީޖާއިންނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނު ހާފުގައި ފެނުނު މަންޒަރު ބަދަލުވީ އެމެރިކާ ޓީމުން ފުލުފުލުގައި ތައިލެންޑް ޓީމް ކޮޅަށް ލަނޑުތަން ޖަހަން ފެށުމުންނެވެ. އެގޮތުން ދެވަނަ ހާފުގައި އެމެރިކާއިން ކާމިޔާބުކުރި 10 ގޯލު ޖަހައިދިނީ އެލެކްސް މޯގަންއާއި ސަމަންތާ މެވިސްއާއި ރޯސް ލެވިލް އަދި މެގަން ރެޕިނޯއާއި މެލޮރީ ޕަފްގެ އިތުރުން ކާލީ ލޯޑްއެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން އެމެރިކާ ޓީމް ރެކޯޑް ހެދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ފަސް ލަނޑު ޖަހައިދިން އެލެކްސް މޯގަންއެވެ. މުބާރާތުގައި އެމެރިކާ ކުޅެން ޖެހޭ ދެވަނަ މެޗުގައި ހުކުރު ދުވަހު ޗިލީއާ ދެކޮޅަށް ނުކުންނަ އިރު މެޗުން ބަލިވި ތައިލަންޑް ވާދަކުރާނީ ސްވިޑެންއާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...