އަދީބު ބޭރަށް ފޮނުވަނީ އިތުރު ގޮތެއް ނެތުމުން – ސަރުކާރު

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނީ އެކަމަށް އިތުރު ގޮތެއް ނުތުމުން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
އަދީބަށް އެ ހުއްދަ ދިނުމުން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން ހޯމް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ އަދީބު ބޭރަށް ދިއުމުގެ ހުއްދދިނީ އޭނާއަށް ރާއްޖެއިން ދެވެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން ބޭރުގެ ސިއްޚީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް ހައްލެއް ނުހޯދުމުން ކަމަށެވެ.
ހޯމް މިނިސްޓްރީން ވަނީ މެޑިކަލް ބޯޑުން އަދީބު ބޭރަށް ފޮނުވަން ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަދީބުގެ ބޭސް ފަރުވާގެ ދަތުރުގައި ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަދީބަށް ކުރިމަތިވެފައިވާ ސިއްޚީ މައްސަލަތަކާއި ގުޅިގެން ފޯރުކޮށްދޭން ޖެހޭ އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ބޭރަށް ފޮނުވި ނަމަވެސް އެކަމުގެ ސަބަބުން އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސް ނޭޅޭނެ ކަމަށާއި އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސް އެޅޭފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓްރީން ވަނީ ދެއްވާފައެވެ.
އަދީބު ބޭރަށް ފޮނުވަން ނިންމުމާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައެވެ. އެގޮތުން ރައީސް ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އަދީބުގެ ރޭވުމާއި އެއްގޮތަށް އެއްޗެއް ގޮއްވާލި މައްސަލަ އާއި ޅ.މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ މައްޗަށް ދައުވާކުރާ 15 މައްސަލައެއް ނުބަލަން ނިންމާ އެ މައްސަލަތައް ބޭރުކޮށްލާފައެވެ.
އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...