އުރީދޫ ކަލަރ ރަން އައްޑޫގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ އައްޑޫގައި ބާއްވާ ކަލަރ ރަން ދުވުމުގައި ބައިވެރިވެވޭނީ ހަ އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނީ އެ ކުންފުނީގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ހަރަކާތުގެ ކިޓް 2 ކެޓަގަރީ އަކަށް ލިބެން ހުންނާނެ ކަމަށާ އެ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ ކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން ސްޓޭންޑަޑް ކިޓް 85 ރުފިޔާއަށް ވިއްކާއިރު، 150 ރުފިޔާއަށް ވިއްކާ ފަން ކިޓްގައި އުރީދޫ ކަލަރ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ކަރުދާސް ތޮތްޕަކާއި ފޮތި ދަބަހެއް ހިމެނިފައިވާނެ ކަމަށް އުރީދޫއިން ހާމަކުރެއެވެ.

28 ޖޫން 2019 ގައި އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަން ބާއްވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އާއި އުރީދޫ ގުޅިގެންނެވެ. މިފަހަރުގެ ކަލަރ ރަންގައިވެސް އިވެންޓް އޯގަނައިޒަރ އަކީ ޔުނިކްސް ސްޕޯޓިންގއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން އައްޑޫ ގައި ބައިވެރިވުމަށް، އުރީދޫ އިން ވަނީ ދައުވަތު އަރުވާފައެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށާއި، ދުވުމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓަށް އަދި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލެއްވުމުން މައުލޫމާތު ލިބިލޭނެ ކަމަށް އުރީދޫއިންވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...