މި ސަރުކާރުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައެއް ނުވޭ - ފުއާދު ތައުފީގު

މި ސަރުކާރުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައި ނުވާކަމަށް ރައީސް ޞާލިހް ވެރިކަމަށް ގެނައުމުގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވީ އާންމު ފަރާތަކުން އަމާޒުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އާންމު ރައްޔިތަކު ވަނީ ރައްޔިތުން މި ސަރުކާރު ވުޖޫދަށް ގެނައީ ބޮޑެތި އުއްމީދުތަކާ އެކުގައި ކަމަށާއި ކިހާ މިންވަރަކަށް އެކަން ހާސިލް ވެއްޖެތޯ ސުވާލު އުފައްދަވާފައެވެ.

ޖަވާބުގައި ފުއާދު ވަނީ ސަރުކާރަށް ހަތްމަސް ވެގެންދިޔައިރު މިހާތަނަށް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހް ވެރިކަމަށް އިސްކުރައްވާ މަޖިލީހުގެ ތަނަވަސް އަޣްލަބިއްޔަތު އެމްޑީޕީއަށް ދީފައިވާއިރު، ސަރުކާރުން ކަމެއް ނުކުރެވިގެން ދައްކާނެ ބަހަނާއެއް އޮވެގެން ނުވާނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރަށް މިހާރު ކޮށް ނުދެވުނު ކަމެއް ފަހުންވެ ނުކޮށްދެވޭނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ. ފުއާދުގެ ޓްވީޓާއި ގުޅިގެން އިތުރު ފަރާތަކުން ވަނީ އިތުރު ދައުރަކަށް އިންތިޒާރުކުރަން މަޖުބޫރު ވެއްޖެ ކަމަށް ބުނެފައެވެ.

ރައީސް ޞާލިހްގެ ސަރުކާރުގެ ދޯހަޅިކަމާމެދު ވާހަކަފުޅު ދައްކާފައިވާ ފުއާދު ތައުފީގަކީ ދިވެހި ސަރުކާރުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުއާދު މިފަދަ މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ރައީސް ޞާލިހް ވެރިކަމަށް ގެންނަން ބުރަ މަސައްކަތްތަކެއް ކުރެއްވި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެމްބަރުން ދަނީ ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ބުނެ މި ސަރުޚާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދުވެސް ވަނީ ރައްޔިތުންނަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...