ސްކޫލު ކުދިންނަށް ފޯރުކޮށްދޭ ނާސްތާގެ ރައްކާތެރިކަން ކަށަވަރުކޮށްދެން ޖެހޭ- ޑރ.މުއިއްޒު

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގައި ސިއްޚީ ގޮތުން ރައްކާތެރިވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މުއިއްޒު މިފަދައިން ގޮވާލައްވާފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމްގެ ތެރެއިން ދެވޭ ކާނާ ތައްޔާރުކުރަން ބޭނުންކުރަން ތަކެއްޗާއި ތައްޔާރުކުރާ ގޮތާއި އެތަކެތި ތައްޔާރުކުރާ ތަނުގެ އިތުރުން ކާނާ ތައްޔާރުކޮށްގެން ދަރިވަރާ ހަމައަށް ފޯރުކޮށްދޭ ގޮތުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ކުރުމަށް ސަރުކާރުން ހަރުދަނާ ނިޒާމެއް ޤާއިމުކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އެފަދަ ކަންކަން އިސްލާހުކުރުމަށް ޑރ.މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ފެށިގެން ދިޔަ ނާސްތާ ޕްރޮގްރާމުގެ ތެރެއިން ދެވޭ ކާނާގެ ފެންވަރު ދައްކަމުގެ ޝަކުވާއާއެކު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ވެރިކަމުގެ ކުރިން ރައީސް ޞާލިޙް ވައުދުވެ ވަޑައިގެންނެވި ފަދައިން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރުވެސް ރާއްޖޭގެ ގިނަ ސްކޫލް ތަކުގައި އެ ޕްރޮގްރާމް ނުފެށުމުގެ ކަންބޮޑުވުން ފާޅުކޮށް ގިނަ ރައްޔިތުން ވަނީ ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވަރަށް ބޮޑު ފާޑު ކިޔާފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...