ދައުލަތަށް ފައިސާ ވައްދާނެ ގޮތުގެ އެއްވެސް ތަޖުރިބާއެއް ރައީސްގެ ކިބައިން ނުފެނޭ - ޖާބިރު

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ކިބައިގައި ދައުލަތަށް ފައިސާ ހޯދާނެ ގޮތުގެ ތަޖުރިބާ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ފަނޑިޔާރުންނަށް އިނާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވާލުމުން އެ ބިލަށް އަލުން ބަހުސް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުވެސް އަދާ ކުރައްވާފައިވާ ޖާބިރު ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދާނެ ގޮތާއި ފައިސާ އިތުރުކުރާނެ ގޮތް މި ސަރުކާރަށް ނޭންގިގެން އުޅޭކަމުގެ ކުލަވަރު ފެންނަން ފަށާފައިވާ ކަމަށާއި ދައުލަތުގައި ހުރި އެންމެހައި ވަސީލަތްތަކުގެ ބޭނުން ހިފާނެ ގޮތް ސަރުކާރަށް ނޭންގިގެން އުޅޭތަން ވެސް ފެންނަމުންދާ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ވަނީ އެކަންކަން ކުރަން އެހެން ބަޔަކަށް ލިބެން ޖެހޭ އިނާޔަތްތައް ހުއްޓުވާލައިގެން ދައުލަތަށް ފައިސާ އިތުރުކުރަން ކުރާ މަސައްކަތް މިހާރު ހުއްޓާލަންވެއްޖެ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ދައުލަތަށް ފައިސާ ވައްދާނެ ގޮތާއި ފައިސާ އިތުރުކުރާނެ މަގު ތަނަވަސް ކުރަން ރައީސަށް އެނގި ވަޑައިގަންނަވަންޖެހޭ ކަމަށާއި އެފަދަ ކަންކަމުގައި ރައީސަށް ލަފާ އެރުވޭ ވަރުގެ ގާބިލު ކެބިނެޓެއްވެސް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުން ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޖާބިރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތަފްޞީލު ސަރުކާރުން ހާމަނުކުރުމުން އެކަމާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ ދަތުރު ފުޅުގައި ސޮއިކުރެވުނު އަހުދު ނާމާތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...