ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ އަދީބަށް ދީފި

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ދީފިއެވެ.
ކަރެކްޝަނަލަށް ސާވިސްއިން ވިދާޅުވީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މެޑިކަލް ބޯޑުން އަދީބަށް ލަފާ ދެއްވުމާއި ގުޅިގެން އޭނާއަށް އެ ހުއްދަ ދީފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމުގެ ހުއްދަ އަދީބަށް ދީފައި ވަނީ އޭނާގެ ހާލު ދެރަވެގެން އެތައް ފަހަރަކު އައިޖީއެމްއަޗަށް ގެންގޮސް ފަރުވާދީފައިވަނިކޮށެވެ. އަދި އަދީބުގެ ބޭސްފަރުވާއަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށާއި، އަދީބު ބައްލަވާ ޑޮކްޓަރަށް ނުފޫޒު ފޯރުވުމަށްފަހު ހުރިހާ އިންސާނީ ހައްގުތަކުން އޭނާ މަހުރޫމް ކޮށްފައިވާކަމަށް އަދީބުގެ އާއިލާއިން ތަކުރާރުކޮށް ބުނަމުން ދަނިކޮށެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައެވެ. އެގޮތުން ރައީސް ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އަދީބުގެ ރޭވުމާއި އެއްގޮތަށް އެއްޗެއް ގޮއްވާލި މައްސަލަ އާއި ޅ.މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ މައްޗަށް ދައުވާކުރާ 15 މައްސަލައެއް ނުބަލަން ނިންމާ އެ މައްސަލަތައް ބޭރުކޮށްލާފައެވެ.
އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...