ކާޑެއްދޫ އެއަރޕޯޓް ވަގުތީ ހުއްޓުމަކަށް

ގދ. ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ އެތަނުގައި ބޭނުންކުރާ ފަޔަރ ޓްރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލް އޭނާ ނުދެއްވައެވެ.
އަޤީލް ވަނީ ކާޑެއްދޫ އެއަރޕޯޓުގެ ފަރަޔ ޓްރަކަށް ދިމާވި މައްސަލަ އާއި ގުޅިގެން ކާޑެއްދޫއަށް ކުރާ ދަތުރު ތަކުގެ ޝެޑިއުލަށް ބަދަލު ނާންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ހައްލުކުރެވުނުހާ އަވަހަށް އެއަރޕޯޓްގެ އޮޕަރޭޝަންތައް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޝެޑިއުލްގައި މިއަދު މެންދުރުފަހު 14:10 ގައި ވީއައިއޭއިން ކާޑެއްދޫއަށް ދަތުރު ކުރަން ތާވަލްކޮށްފައިވާ ދަތުރު ވަރަށް ބޮޑަށް ލަސްވެގެން ދިޔައިރު ހަވީރު 17:25 ކުރަން ހަމަޖެހިފައިވާ ދަތުރު އެއްކޮށް ވަނީ ކެންސަލް ކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނުން ބަލަހައްޓަމުން އަންނަ ކާޑެއްދޫ އެއަރޕޯޓަށް ދަތުރު ކުރަނީ މޯލްޑިވިއަންއިން އެކަންޏެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...