ސްޕެއިންގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

ޔޫރޯ ކޮލިފައިންގައި ސްވިޑެން އަތުން ސްޕެއިން މޮޅުވި މެޗުގެ ތެރެއިން

ޔޫރޯ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސްވިޑެންގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދުމަށްފަހު ސްޕެއިނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
ޔޫރޯ ކޮލިފައިން ގްރޫޕް އެފްގައި ރޭ ކުޅުނު ސްޕެއިން އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތިން ގޯލް ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓްގައި ސްވިޑެންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ސަބެސްޓިއަން ލާސަން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ސްޕެއިން ޓީމަށް ލީޑް ހޯދައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.
އެ ނަތީޖާގައި މެޗް ނިމެން ގާތްވެފައި ވަނިކޮށް މެޗުގެ 85 ވަނަ މިނެޓްގައި ސްޕެއިން ޓީމަށް ލީޑުފުޅާކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އެ ގޯލަކީ ސްވިޑެންެގެ އޭރިއާތެރެއިން މޮރާޓާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދިނީ ޒުވާން މިޑްފީލްޑަރު މިކެލް އޮޔާޒަބަލްއެވެ.
މި ނަތީޖާއާއެކު ކޮލިފައިން ގްރޫޕް އެފްގެ އެއް ވަނައިގައި ސްޕެއިން އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ސްވިޑެން އާއި ތިން ވަނައިގައިވާ ރުމޭނިއާއަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ހަތަރު ވަނައިގައި އޮތް ނޯވޭ އަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...