ނިޝާން އިއްޒުދީންގެ އިއްޒަތް ވެއްޔާ މޮޑެލައިފި

ދިވެހިންނަކީ ފަޚުރުވެރި މިނިވަންކަމެއް ލިބިފައިވާ ބައެކެވެ. މި މިނިވަންކަން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވަން ކާބަފައިން ވަނީ ނުހަނު ގިނަ ޤުރުބާނީތަކެއް ވެވަޑައިގެންފައެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އެ ޤުރުބާނީތަކުގެ އަގު ވަޒަން ކުރަން މިއަދު ސަރުކާރަށް އެނގިވަޑައި ނުގެން އުޅުއްވާ މަންޒަރެވެ.

ދިވެހިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ސަރަހައްދުގެ ގޮތުން ދުނިޔޭގެ އެކި ބާރުތަކުން ދިވެހިރާއްޖެއަށް ކަޅިއަޅަމުން ދެއެވެ. އެއީ ކަނޑު މަގުން ކުރާ ވިޔަފާރިތަކުގައި ދިވެހިރާއްޖެއަކީ މިއީ ވަރަށް މުހިއްމު ޕޮއިންޓަކަށް ވުމުންނެވެ.

ރާއްޖެއަށް ކަޅި އުކާ ޤައުމުތަކުގެ ތެރެއިން އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭއަށް ކަޅި އަޅަމުން އަންނަ ޤައުމެކެވެ. އެގޮތުން އިންޑިއާގެ ހިސާބެއް ކަމަށްވާ ކަންނަންނޫރަށް ނިސްބަތްވާ ބަޔަކު ވަނީ މި ރާއްޖޭގެ މިނިވަންކަމަށް މީގެ ކުރިން އަރައިގަނެ ދިވެހިންނަން ހިތި ދުވަސްތަކެއް ދައްކާފައެވެ.

ހިތްދަތި ނާމާން ދުވަސްތަކަކާ ދިވެހިންނަށް ކުރިމަތިލާން ޖެހުނު އެ ހިތި ހަނދާންތަކުގެ ވާހަކަ ފަތްފުށްތަކުން ކިޔާލީމާ ލޮލުން ކަރުނަ ފާއްދާލައެވެ. އެހާވެސް އަސަރުގަދަ ވާހަކަތަކެކެވެ.


ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުގެ 13 ވިލޭރޭ އިންޑިޔާގެ މަލާބާރުން ރާއްޖެއަށް އައި ހަނގުރާމަވެރި ބަޔަކު ހަތިޔާރާއެކު މާލެ އެރިއެވެ. ހޮޅީންނޭ ކިޔުނު އެ މީހުން މާލޭގެ ތިންބައިކުޅަ ދެބައި ހުޅު ޖަހާ އަންދާލިއެވެ.

ރަސްކަމުގެ ގަނޑުވަރާ ތިން މިސްކިތް ވެސް މި އަލިފާނުގައި އަނދާ އަޅިއަށްވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި އޭރު ހުންނެވި ރަދުން އަތުލައިގަނެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ރަދުންގެ އެއް ލޯ ފުޅު ވެސް ކޮނެލިއެވެ. އަދި ގަދަކަމުން އެ ރަދުން ނަވަކަށް އަރުވައިގެން މަލިކަށް ގެންގޮސް މަލިކުގައި އަވަހާރަކޮށްލިއެވެ.

އެ ރަދުންގެ މަހަނާފުޅު ދާދި ފަހަކާ ޖެހެންދެން މަލިކު މާ މިސްކިތުގައި ފެންނަން ހުއްޓެވެ. ނަމަވެސް މިހާރު އެ ނިޝާންވެސް ވަނީ ފޮހެވިގެން ގޮއްސައެވެ. 
އިންޑިއާއިން ރާއްޖެ އަރައިގަތް މުޖުރިމުން ދިވެހިރާއްޖެ އަޅުވެތިކޮށް ދިވެހި ޅަ އަންހެން ކުދީންގެ އިއްފަތްތެރިކަން ފޭރި، ބޮޑެތި ފިރިހެނުން މަރާ، ހައްދެއް ނެތް އަނިޔާގައި ދިވެހިން ތިއްބާ އެ މުޞީބާތުން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވީ، މުލީގޭ ދޮން ހަސަން މަނިކުފާނާ އޭނާއަށް ވަފާތެރި މަދު ދިވެހީން ކޮޅެކެވެ.

އެ މީހުން ހިތްވަރާއެކު ކުރި މަތިވެރި ޖިހާދުން ދިވެހިން އެ މުޞީބާތުން ސަލާމަތްވިއިރު މުލީގޭ ދޮން ހަސަން މަނިކުފާނު ރާއްޖޭގައި އޭގެ ފަހުން ރަސްކަން ކުރެއްވިއެވެ. އާދެ އެއީ އައްސުލްޠާނުލް ޣާޒީ ހަސަން އިއްޒުއްދީނެވެ. ނުވަތަ މަޝްހޫރު ނަމުންނަމަ ދޮން ބަންޑާރައިންނެވެ.

ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށާ ޤައުމަށް ޚިދުމަތްކޮށްދެއްވި ޝަރަފުވެރިންނަށް ދެއްވާ އެންމެ މަތިވެރި ލަޤަބު ނިޝާން އިއްޒުއްދީންގެ އިއްޒަތް ނިސްބަތްވެވަޑައިގަންނަވަނީ އައްސުލްޠާނުލް ޣާޒީ ހަސަން އިއްޒުއްދީނަށެވެ.

ކަން މިހެން ހުރިއިރު، ބާބަރީ މިސްކިތް ތަޅާލާ އަދި ކޮންމެ ދުވަހަކު ކަޝްމީރާ އެ ނޫންވެސް ތަންތަނގާގައި މުސްލިމުންގެ ލޭ އޮހޮރުވަމުންދާ، ހަމަ އެހެންމެ މުސްލިމުން އިންޑިއާއިން ބޭރު ކުރާނެ ކަމަށް އޭނާގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމަނާ އެކަމަށް ގަދަ އަޑު އުފުލަމުންދާ މޯދީއަށް ދިވެހި ސަރުކާރުން އެ އެރުވީ އިޚްލާސްތެރި ދިވެހި ރަދުން ހަސަން އިއްޒުއްދީނުގެ މަޤާމެވެ.

މިއީ އިޚްލާސްތެރި ޤައުމީ ބަޠަލަށް ކުރެވުނު ކޮންފަދަ އިހާނެތި މަލާމާތެއްތޯއެވެ؟ ދިވެހި ޤައުމާ މާތް ވެގެންވާ އިސްލާމުދީނުގެ ހައްޤުގައި ޝަހީދުވި ދިވެހި ލޮބުވެތި އަބްޠާލުންނޭވެ. މި ފުރުޞަތުގައި ތިޔަ ހުރިހާ އަބްޠާލުންގެ އަރިހުން ނިހާތަށް މަޢާފަށް އެދެމުއެވެ.

މިއީ ތިޔަ ބޭފުޅުން އަދާކުރެއްވި އިޚްލާސްތެރި ޤައުމީ ވާޖިބުގެ އަގު ވަޒަންކުރާ މަދު ދިވެހިން ކޮޅެއް ތިބި ޒަމާނެކެވެ. އެ މަދު ދިވެހިން ކޮޅު މިއަދު ވަނީ މި ހިނގަމުންދާ ކަންކަން ހުއްޓުވުމަށް ނުކުޅެދިފައެވެ.

ގިނަ ބަޔަކު ރުހިގެން ތިޔަ އިއްޒަތްތެރިންނަށް އެކުރަނީ ޤައުމީ ފެންވަރުގައި ފުރައްސާރައެވެ. ކޮޅު ނެތް ކޮޅަށް ހިތާމަ ހުއްޓެވެ. މިއަދުގެ ސަރުކާރުން ވެއްޔާ އެ މޮޑެލީ ނިޝާން އިއްޒުދީންގެ އިއްޒަތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ހާންޓޭ 10 ޖޫން 2019 - 18:22

    ކީއްކުރާނީ ގަައުމު ގެ ހާލަތު

  2. ރައްޔިތުމީހާ 10 ޖޫން 2019 - 18:19

    ހޮޅިންނާ މަލާބާރީންނަކީ އަސްލު އިންޑިޔާ މީހުނެއްނޫން. ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގެ މީހުން. ތާރީޚު އޮޅުވާނުލާ.

ގުޅުން ހުރި
Loading...