ކުރީގެ ލިސްޓަށް ދިއްދޫ ފްލެޓްތައް ބަހާލި ކަމަށް މިނިސްޓްރީން އެއްބަސްވެއްޖެ

ހއ.ދިއްދޫގައި އިމާރާތް ކުރި ފްލެޓްތަކުގެ ތެރެއިން ދޫނުކުރެވި ހުރި 110 ފްލެޓް ބަހާލީ އަލުން އިއުލާން ކުރުމެއް ނެތިކަމަށް ހައުސިން މިނިސްޓްރީން އެއްބަސްވެއްޖެއެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ދިއްދޫ ކައުންސިލުން ފްލެޓް ދޫކުރި މީހުންގެ ތެރޭގައި ހިމެނޭ 90 އިންސައްތަ މީހުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނެވެ.
ހައުސިން މިނިސްޓްރީގެ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރާ ވައިބާ ގްރޫޕްގައި އެ މިނިސްޓްރީގެ ޑިވްލޮޕްމަންޓް އޮފިޝަލަކު ވިދާޅުވީ އަލުން އިއުލާން ކުރުމެއް ނެތި ދިއްދޫ ފްލެޓްތައް ދޫކޮށްފައި ވަނީ ކުރިން ތައްޔާރުކޮށްފައި އޮތް ލިސްޓަށް ބަލއިގެން ކަމަށެވެ. އެގޮތުން އަލުން އިއުލާން ކޮށްގެން ފްލެޓްތައް ދިނުމުގެ އިހްތިޔާރު ދީފައި ވަނިކޮށް ކައުންސިލުން އެކަން ކޮށްފައި ވަނީ އިއުލާން ނުކޮށް ކުރިން ތައްޔާރުކޮށްފައި އޮތް ލިސްޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫގައި ތަރައްގީ ކުރި ފްލެޓްތައް ދޫކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވާލި ފުރުޞަތުގައި ގިނަ ބަޔަކު ވަނީ ފްލެޓަށް އެދިފައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ފްލެޓަށް އެދުނު ފަރާތްތަކަށް ބެލުމެއްނެތި ދިއްދޫ ކައުންސިލުން ނިންމާފައި ވަނީ 2015 ވަނަ އަހަރު ފްލެޓަށް ކުރިމަތިލީ މީހުންނަށް ފްލެޓް ދޫކުރުމަށެވެ. އެއާއެކު ކުރީގެ ލިސްޓަކަށް ފްލެޓް ދޫކޮށްފައި ވާތީ ދިއްދޫގެ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ދިއްދޫގެ ފްލެޓްތައް ކުރީގެ ލިސްޓަކަށް ބަހާލިއިރު ނިމިދިޔަ ސަރުކާރުން ފްލެޓްތައް ދިނީ އިންސާފުން ނޫންކަމަށް ބުނެ މިސަރުކާރުގެ އިސް ބޭފުޅުން ކުރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...