ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ އެކަމާއި ގުޅޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.
މިއަހަރުން ފެށިގެން ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައެވެ.
ރައީސް އޮފީހުން ވިދާޅުވީ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މައިގަނޑު 33 ދާއިރާއަކުން ކަމަށެވެ. އެގޮތުން އެ ދާއިރާތަކާއި ގުޅޭގޮތުން ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު ހޯދާ ގެންނަން ޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ޤައުމީ އިނާމަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާޢަތްތައް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހަޅަން ޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...