ނެދަރލޭންޑްސް ބަލިކޮށް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗްގަލް ހޯދައިފި

ޕޯޗުގަލްއިން ނޭޝަންސް ލީގު އުފުލާލަނީ - ޓްވިޓަރ

ފުރަތަމަ ފަހަރަށް ބޭއްވި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗްގަލް ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ޕޯޗްގަލް ޓީމް ހޯދީ ނެދަލޭންޑްސް އާއި ވާދަކުރި މެޗް 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.
ޕޯޗުގަލްގެ ޕޯޓޯގައި ކުޅުނު މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް އެ ހާފް ނިމިފައިވަނީ ދެ ޓީމުން ކުރެ ޓީމަކަށް ނަތިޖާ ބަދަލު ނުކުރެވިއެވެ.
މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ޕޯޗުގަލްއިން ވަނީ އެޓޭކްތައް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ޕޯޗްގަލް ޓީމަށް ލީޑް ނަގައިދިނީ ގޮންކާލޯ ގުއެޑެސްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އެ ލަނޑަށްފަހުވެސް ޕޯޗުގަލްއަށް ވަނީ ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތުތައްވެސް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.
މިއީ ޕޯޗްގަލް އިން ކާމިޔާބުކުރި ބައިނަލް އަގުވާމީ ދެވަނަ މުބާރާތެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ޔޫރޯއަށްފަހު، ޕޯޗުގަލްއިން ކާމިޔާބުކުރި ފުރަތަމަ ތަށްޓެވެ. މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އިންގްލެންޑް ޓީމެވެ. އެޓީމުން ތިންވަނަ ހޯދީ ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް ބަލިކުރުމަށްފަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...