ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކަށް ޕީޕީއެމްއިން ފާޑުކިޔައިފި

ޕީޕީއެމް އަދި ޕީއެންސީގެ ބައެއް އިސް ބޭފުޅުން. ފޮޓޯ: ޕީއެސްއެމް ނިއުސް

އިންޑިއާގެ ބޮޑުވަޒީރު ސްރީ ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުން ސޮއިކުރި އެއްބަސްވުންތަކަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ފާޑުކިޔައިފިއެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމްއިން ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީން ބުނީ، މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިމުނުއިރު، ރާއްޖޭގެ ތަރައްޤީއަށް އެކަށީގެންވާ ހިއްސާއެއް ނުލިބި، ރާއްޖެއާއި ދިވެހިން ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ.

ރާއްޖޭގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ފޯމިއުލާއަކީ މިޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ މިންވަރަށް ވަކި ފަރާތަކަށް އިގްތިސާދީ ގޮތުން ބަރޯސާވުން ކަމާ މެދު ޕީޕީއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ފަހުން ވެވުނު އެއްބަސްވުންތަކަށް ވަކިވަކިން ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ފެރީގެ ޚިދުމަތްތައް ފަށަން ވެވުނު އެއްބަސްވުމަކީ އެއްވެސް ދިރާސާއެއް ކުރުމަކާ ނުލާ ވީ އެއްބަސްވުމެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި އެފަދަ މުވާސަލާތެއް ބޭނުން ކުރަނީ ދިވެހިންގެ ނިސްބަތުންނާއި އިންޑިއާ މީހުންގެ ނިސްބަތުން ކިތައް މީހުންތޯ ނުބަލައި، އެކަމުގެ ސަބަބުން ލިބޭނީ ކިހާ މިންވަރެއްގެ އިޤްތިސާދީ ފައިދާއެއްތޯ އާއި ނިކުންނާނީ ކިހާ އިޖްތިމާއީ މައްސަލަތަކެއްތޯ ނުބަލާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ހަމައެއާއެކު ދިވެހި ކަނޑުތަކުގެ ސަރވޭއެއް ކުރަން އިންޑިއާގެ އެހީ ހޯދަން ނިންމި އެއްބަސްވުމަކީ ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭ ސަރަހައްދީ މައުލޫމާތުތައް އެހެން ޤައުމަކާ ހިއްސާ ކުރެވޭ ގޮތަށް ކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި މިއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި ރާއްޖޭގެ ރާޑަރު ސިސްޓަމްތައް ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި ސިފައިންގެ އެބަހުރި ކަމަށާއި އެކަން އެހެން ބަޔަކާ ހަވާލު ނުކުރުމަށް ވެސް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެ ޤައުމުގެ ދެ ސިޔާސީ ޕާޓީގެ މެދުގައި ޤާއިމުކުރާ ގުޅުމަކަށް ހެދުމުގެ ބަދަލުގައި މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ، އަދި އެއްވެސް ޤައުމަކުން އަނެއް ޤައުމުގެ އިންތަކަށް އަރައި ނުގަންނަ ފަދަ ގުޅުމަކަށް ހެދުމަށް ވެސް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...