އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ގަބޫލުކުރަންޖެހޭ: ދުންޔާ

އެއްވެސް ބަޔަކު މި ޒަމާނުގައި އެދުމެއްނެތި ވެދުމެއް ނުކުރާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ޓްވީޓް ކުރައްވަމުން ދުންޔާ ވިދާޅުވީ ބޭރުގެ އެހީއަށް ބަރޯސާވެފައި ތިބި ތިބުން މިއަދު އަޅުގަނޑުމެން ދޫކޮށްލަންވެއްޖެ ކަމަށެވެ. އެ އެހީއަކީ ކޮންބަޔަކު، ކޮން ބޭނުމެއްގައި ދޭ އެއްޗެއްތޯ ވިސްނާލަންޖެހޭ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އަދި އެއްވެސް ބަޔަކު އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ދުންޔާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. ދުންޔާ މިފަދައިން ޓްވީޓު ކުރައްވާފައި މިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި އިންޑިއާ އާ ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ސަލާމަތާ ގުޅުން ހުރި ކަންކަން ވެސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ. ދުންޔާ މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައިވާއިރު އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނަކީ މިއަދުގެ ސަރުކާރު ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަނުގެ އެއް ބައިވެރިޔާއެވެ.

އަދި ސަރުކާރު ތެރެއިން ނިންމާ ނިންމުންތަކުގައި މައުމޫނުގެ ދައުރެއްވެސް އޮންނާނެ ކަމަށް ބެލެވެއެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ހާއްސަ ގުޅުމެއް ބާއްވަވާ، އިންޑިއާ އިން ބޭނުންވާ ގޮތައް ހުރިހާ ކަމެއް ކުރަމުން ގެންދާކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވީ އޭރުގެ ސަރުކާރުން ހުރިހާ ކަމެއްގައި ޗައިނާ އަށް ބަރޯސާ ވަމުންދާ ވާހަކައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު މިފެންނަނީ ޗައިނާގެ ބަދަލުގައި ހުރިހާ ކަމެއްގައި މި ސަރުކާރުން އިންޑިއާ އަށް ބަރޯސާވާތަން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙައުލާ 10 ޖޫން 2019 - 21:56

    ކަނބުލޮއެއް ކަމަކު ތިބުނީ ވަރަށް ތެދުވާހަކައެއް.

ގުޅުން ހުރި
Loading...