މުޅި އޮޑީގައި ހަސަނުގެ ދެފައި އޮތުމުން ދެން ވާނީ ކިހިނެތް؟

ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތަކީ އޭރެއްގައި އޮންނަ ސަރުކާރެއް ޒިންމާދާރު ކުރުވަން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަބަދުވެސް ބުނަމުން ގެންދާ ވާހަކައެކެވެ. އެހެންކަމުން މަޖިލީހުގެ އަޣްލަބިއްޔަތު ލިބެން ޖެހޭނީ އޭރެއްގެ އޮންނަ އިދިކޮޅަށް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި މިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ އަދުގެ ސަރުކާރުގެ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއިންނެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ އިދިކޮޅުން ނެރުއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވީ ސަރުކާރު ހިންގުމުގައި ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ނުބައްލަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މަޖިލީހުގެ ތެރެއިންވެސް ސަރުކާރު ޒިންމާދާރު ކުރުވާނެ ފުރުޞަތު އިދިކޮޅު މެމްބަރުންނަށް ދެއްވާނެ ކަމަށެވެ.

މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވި މެމްބަރެއްގެ ހައިޞިއްޔަތުން އިދިކޮޅު ބޭފުޅުންގެ ޒިންމާ އެމަނިކުފާނަށް ވިސްނިވަޑައިގެންނެވީ ކަމަށް ފަހަރުގައި ވެދާނެއެވެ.  ކޮންމެ އަކަސް ރައީސް ޞޯލިހު ވެރިކަމަށް ވަޑައިގެން ފެންނަން ފެށި މަންޒަރުތައް ވަރަށް ތަފާތެވެ. ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ވާހަކަފުޅުތަކާ ވެރިކަމަށް ވަޑައިގެން އަމަލުފުޅު ކުރައްވަމުން ގެންދަވާގޮތާ ހާސް ބައި ތަފާތެވެ.

މަޖިލިސް އިންތިޚާބުގައި އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ސަރުކާރުގެ ތެރެއިން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވަން އެންމެ ފަސޭހަފުޅު ވެވަޑައިގަންނަވާނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ދައުރުގައި މި ބޭފުޅުންގެ ރަޢުޔު މިކަމާ ވަރަށް ބޮޑަށް ތަފާތު. އޭރު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރެއްވޭނީ މަޖިލީހުގެ އަޣްލަބިއްޔަތު އޭރެއްގައި އޮންނަ އިދިކޮޅު ޕާޓީ އަކަށް ދެއްވުމުން ކަމަށެވެ.

ދިވެހި ރައްޔިތުން ރައީސް ޞޯލިހުގެ އެ އާދޭހުގެ އަޑު އައްސަވާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ދެއްވިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށިގެން ފެންނަން ފެށި މަންޒަރުތަކުން ދެމިޔަކަނުން ސޮނި ފައިބާވަރު ވެއްޖެއެވެ. މީގެ ކުރިން ޑިމޮކްރެސީއޭ ކިޔާ ކަރުގެ ނާރުތައް ބުރިވަންދެން ހަޅޭއް ލަވަމުން ގެންދެވި ބޭފުޅުންނަށް ޑިމޮކްރެސީގެ ޑީގެ މަތިންވެސް ހަނދުމަ ހުންނެވި ހެނެއް އެއްގޮތަކަށްވެސް ހިޔެއް ނުވެއެވެ.

މަޖިލީހުގައި އާ ކޮމިޓީތަކެއް އުފައްދާ ހުރިހާ ކޮމިޓީތަކަށް މެމްބަރުން ހޮވެއްވެވިއިރު އިދިކޮޅު މެމްބަރުންތަކެއް ތިއްބެވި ކަމެއްވެސް އެމްޑިޕީ މެމްބަރުން ހަނދުމަފުޅު ހުންނެވި ހެނެއް ހިޔެއް ނުވެއެވެ. މީގެ ކުރިން ބާރުތައް ވަކި ކުރަން އެންމެ ބާރަށް ހަޅޭއް ލެއްވި ބޭފުޅުން މިހާރު އެ ތިއްބެވީ ސަރުކާރުގެ ހުރިހާ ކަމެއްހެން މުށު ތެރެއަށް ލައްވައި ބާރަށް ފިއްތާލައްވައިގެންނެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާއިން ފެށިގެން ގޮސް ޤާނޫނު ހަދާ މަޖިލީހާ ހަމައަށް ވެސް އޮތީ އެމްޑީޕީގެ ބާރެވެ. މުޅި ޤައުމުގައި އެމްޑީޕީގެ ބާރެވެ. އިދިކޮޅަކަށް އެއްވެސް ފުރުސަތެއް ނެތްތަނުގައި އިދިކޮޅުގެ އަޑު އިއްވާނެ ފުރުޞަތެއްވެސް ނުދޭ. މަޖިލީހުގެ މެޖޯރިޓީ އާއި ކޮމިޓިތަކުގެ އަގްލަބިއްޔަތުވެސް އެމްޑީޕީއަށެވެ.

ޒަމާނުއްސުރެ ކާބަފައި ބުނަމުން އަންނަ އަޑު އަހަމުއެވެ. މަހަށް ގޮސް އުޅޭ ދޯންޏެއްގައި އުޅޭ މީހަކު އެ ދޯނީގެ ހުރިހާ ކަމަކާ ބެހި ދޯނި ދަތުރު ކުރަންވީ ގޮތްވެސް އެނގެނީ އޭނާއަށް ކަމަށެވެ. އެހެން މީހަކަށް ބަސް ބުނުމުގެ ހައްގެއް ނެތް ވާހަކައެވެ. މުޅި އޮޑީގައި ހިނގަނީ އޭނާގެ ބާރެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައެވެ. އެހެން މީހަކަށް ޖާގައެއް ނެތެވެ.

މިއަދު ދިވެހި ދައުލަތުންވެސް ފެންނަމުން ދަނީ ހަމަ އެފަދަ ދެވަނައެއް މަންޒަރެވެ. ޑިމޮކްރެސީ އޭ ގޮވާ ހަޅޭއްލެއްވި ބޭފުޅުން ޑިމޮކްރެސީގެ ރީތި މިސާލު ނުދައްކަވަނީ ކީއްވެތޯއެވެ. ވެރިކަމުގެ ބާރުތައް ލިބުމުން މީގެ ކުރިން ވަކާލާތު ކުރެއްވި ކަންކަން މަތިން ހަނދުމަ ނެތުނީ ދެއްތޯއެވެ. މިވަރުން ދަނީ ނަމަ ޤައުމަށްވާނީ ކިނަކުން ބާއެވެ. ޤައުމުގެ ކަންކަން ޗާޓުން ބޭރަށް ނުދިއްޔައިއްޔާ ވާރަގަޅޭ ހިތަށްއަރައެވެ..


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...