ދަޢުލަތުގެ ޚަރަދުތައް ލިބުނު އާންމުދަނީއަށް އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ސަރުކާރުން ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދިޔަ ނަމަވެސް ދަޢުލަތަށް ލިބުނު އާންމުދަނީއަށް ވުރެ ޚަރަދުތައް އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުތަކުގައި ވަނީ މިދިޔަ މޭމަހުގެ ނިޔަލަށް ދަޢުލަތަށް އާންމުދަނީގެ ގޮތުގައި ލިބިފައިވަނީ 9.08 ބިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ދަޢުލަތުން ކުރި ޚަރަދުތައް 9.75 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެހެން ކަމުން ދަޢުލަތުން ވަނީ ލިބުނު އާންމުދަނީއަށް ވުރެ 672.2 މިލިއަން ރުފިޔާ އިތުރު ހޭދަކޮށްފައި ކަމަށް ނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހު ދަޢުލަތަށް އާންމުދަނީގެ ގޮތުގައި ލިބުނު 9.08 ބިލިއަން ރުފިޔާގެ ތެރެއިން 6.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާންމުދަނީއެވެ. ޓެކްސް ނޫން ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދަޢުލަތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ސަރުކާރު ހިންގުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ދަޢުލަތް ހިންގުމަށް 7.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ތަފާސް ހިސާބު ދައްކާ ގޮތުން ސަރުކާރުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީންނެވެ. އެގޮތުން ޖުމްލަ 2.7 ބިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކުރި އިރު، ދެވަނަ އަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެމިނިސްޓްރީން ވަނީ 1.1 ބިލިއަން ރުފިޔާ ދަޢުލަތުގެ ފައިސާއިން ޚަރަދު ކޮށްފައެވެ.
ލިބޭ އާމްދަނީ އަށް ވުރެ ދަޢުލަތުގެ ޚަރަދުތައް ބޮޑުވެގެން ދިއުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރެވޭނީ ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށްގެން ކަމަށް އިޤުތިޞާދީ މާހިރުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...