ޖަލްސާ ދޫކޮށްލެއްވީ މުސްލިމުންގެ ފަރާތުން މެސެޖެއް ދިނުމަށް – ޠާރިގު

މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ޖަލްސާގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މަޖިލީހުގައި ތަޤުރީރު ކުރެއްވި ޖަލްސާ ދޫކުރައްވާ ނުކުމެ ވަޑައިގެންނެވީ ރާއްޖެއަކީ މުުސްލިމް ޤައުމަކަށް ވުމުން މުސްލިމުންގެ ފަރާތުން އެކަކު ނަމަވެސް މެސެޖެއް ދެއްވަން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
މޯދީ ތަޤުރީރު ކުރެއްވި ޖަލްސާ ފެށިއިރު މަޖިލީހުގެ ތަޅުމުގައި ޠާރިގު އިންނެވި ނަމަވެސް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މޯދީ އަށް މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ދަޢުވަތު ދެއްވުމުން ޠާރިގު ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ.
ޠާރިގު ވަނީ ދެވަނަ ދައުރަަކަށް މޯދީ އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އިންޑިއާގައި މުސްލިމުން މެރުމާއި އަނިޔާ ކުރުން އިތުރުވެފައިވާ ކަމަށާއި އެ އަމަލުތައް ހުއްޓުވަން މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ވެރިކަން ކުރާ ބީޖޭޕީންވެސް އިންޑިއާ ސަރުކާރުންވެސް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެއާއެކު މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅުކަން އެންމެ މީހަކު ނަމަވެސް ފޯރުކޮށްދޭން ޖެހޭކަން ޠާރިގު ފާހަގަ ކުރެއްވިއެވެ. އެގޮތުން މޯދީ ތަޤުރީރު ކުރެއްވި ޖަލްސާއިން ނުކުންނެވުމުން އެ މެސެޖް ދެވިއްޖެކަމަށް ގަބޫލު ކުރައްވާ ކަމަށް ޠާރިގު ވިދާޅުވިއެވެ.
ޠާރިގު އިތުރަށް ވިދާޅުވީ އަވަށްޓެރި އިންޑިއާ އާއި އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށާއި އެ ޤައުމާއި މައްސަލަޖެހިގެން އުޅުމަކީ ރާއްޖެފަދަ ޤައުމަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ލާއިންސާނީ އަނިޔާއާ ދެކޮޅު ހަދާކަން އެއީ ފާޅުކުރަންޖެހޭ ކަމެއްކަން ޠާރިގު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެ ޖަލްސާ ދޫކުރައްވާ ނުކުމެ ވަޑައިގެންނެވި ނަމަވެސް އެކަމާ ދެކޮޅަށް އަޑު އުފުއްލަވާ އިޙްތިޖާޖް ނުކުރެއްވީ ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން މޯދީއަށް އިހްތިރާމް ކުރައްވާތީ ކަމަށާއި، އެއީ މިހާރުގެ ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ކުރައްވާ ކަމަކަށްވީ ނަމަވެސް މިހާރު އިދިކޮޅުގައި ތިއްބަވާ ފަރާތްތަކުން ކުރައްވާނެ ކަމެއް ނޫންކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޠާރިގު ވަނީ މޯދީ ތަޤުރީރު ކުރެއްވި ޖަލްސާ ބޮއިކޮޓް ކުރައްވާނެކަން ކުރިން ވެސް އިއުލާން ކުރައްވާފައެވެ. އެހެން ނަމަވެސް ޠާރިގު ފިޔަވައި އެހެން މެންބަރަކު އެ ޖަލްސާ ބޮއިކޮޓް ކުރައްވާފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...