ޤައުމު އަނެއްކާވެސް ވިއްކާލަނީ؟

ޤައުމުގައި ހުރި ހަރު މުދާ ވިއްކާލުމަކީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަރަށް އަތްމަތި ކަމެއްކަން 2008ވަނަ އަހަރުން ފެށިގެން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ވަނީ ފެނިގެން ގޮސްފައެވެ.

އެގޮތުން ރާއްޖޭގެ މައި ދޮރާށި ރާއްޖޭގެ ފަޚުރުކަމުގައިވާ އެއާޕޯޓުން ފެށިގެން ގޮސް ޤައުމުގައި ހުރި އެކި އެކި ތަން ތަން ބޭރުގެ ކަރަކަރަތަކަށް ވިއްކަމުން ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ. އަނެއްކާވެސް ތާރީޚު އިޔާދަވާން ފަށައިފިކަމުގެ ކޮޅުމަތި ފެންނަންފަށައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މިހާރުގެ ލަގަބުން ދަންނަވަނީ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަން ޗާޓުން ބޭރުން ކުރެއްވިއިރު އެމަނިކުފާނު ގެންދެވީ ޤައުމުގައި ހުރި ހަރު މުދާތައް އެމަނިކުފާނު ހިތްޕުޅާ ވެވަޑައިގެންނެވި ބޭރުގެ ޤައުމުތަކުގެ ބޭފުޅުންނަށް ގޮތްނޭގޭ އެއްބަސްވުމެއްގެ ދަށުން ދެމުންނެވެ.

ޤައުމުގެ ހަރު މުދަލުގެ ތެރޭގައި ނަޝީދު ވިއްކާލި ޤައުމަށް ބޭރު ފައިސާ ވަންނަ މައި ދޮރާށީ އޭރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު ވައިގެ ބަނދަރު ވިއްކާލީ އެމަނިކުފާނުގެ އެންމެ އަރިސް އެއް ޤައުމު ކަމަށްވާ އިންޑިއާގެ ކުންފުންޏަކަށެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ ރާއްޖޭގެ މުވާސަލާތީ ގުޅުމުގެ މައި ކުންފުނި ދިރާގާ އަދި ރާއްޖޭގެ ފެން ކުންފުނީގެ ހިއްސާ ވެސް ބޭރުގެ ފަރާތްތަކަށް އޭރު ވިއްކާލާފައެވެ. އަދި މީގެ އިތުރުން ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ސަރުކާރަށް 150 މިލިއަން ޑޮލަރުގެ ލޯނު ދިނީ ދެއްކުނު ދުވަހަކުން ދައްކާ ޚަލާސް ކުރާ ގޮތަށެވެ.

ނަމަވެސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމާއެކު އިންޑިއާ ސަރުކާރުގެ ތަފާތު ފިއްތުންތައް ދިވެހި ސަރުކާރަށާ ރައްޔިތުންނަށް ކުރިމަތި ކުރުވިއެވެ. އިންޑިއާއިން ރާއްޖެއަށް ދަތިކޮށް ބިރުދެއްކުމުގެ ކަންކަން ފެށިގެން އައީ ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރުގައެވެ.

އޭރު އިންޑިއާއިން އެންމެ ފުރަތަމަ ޑިމާންޑު ކުރީ ނަޝީދުގެ ވެރިކަމުގައި އެ ޤައުމުން ދިން 150 މިލިއަން ޑޮލަރު އަނބުރާ ވަގުތުން ދިނުމަށެވެ. ނަމަވެސް އެވަގުތު ރާއްޖޭގެ ހާލާތު ހުރި ގޮތުން އެ ފައިސާ އެއްކޮށް އެއް ވަގުތެއްގައި ދެއްކެން ނެތް ކަމަށް ސަރުކާރުން ވިދާޅުވުމުން ދެން ޑިމާންޑް ކުރީ 50 މިލިއަން ދެއްކުމަށެވެ.

އަދި އިންޑިއާއިން ބޭނުން ކޮންމެ ގަޑިއެއްގައި ރައީސް އޮފީހަށާ ރާއްޖޭގައި ހުރި އެހެން ޤައުމުތަކުގެ އެމްބަސީ ތަކަށާ ސަރުކާރުގެ ވުޒާރާތަކަށް އެއްވެސް ހުއްދައަކާ ނުލާ ވަދެވެން ޖެހޭނެ ކަމަށް އިންޑިއާއިން އޭރު ބުންޏެވެ. ރައީސް އޮފީހުގެ ހުރުމަތް ކަނޑާލާ އިންޑިއަން އެމްބަސީގައި ތިއްބަވާ އިންޑިއާގެ ބޭފުޅުން ބޭނުން އިރަކު ރައީސް އޮފީހަށް ވަންނަމުން ދިޔައީ އެއްވެސް ހަމައެއް ލަމައެއް ނެތިއެވެ.

އަދި ބިރު ދެއްކުމާ ފިއްތުންތައް ދިވެހި ސަރުކާރަށް ކުރިމަތިކުރުވަމުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ރާއްޖެއަކީ އެމީހުންގެ ގޯތީގެ ފަހަތުގައި އޮންނަ އެމީހުން ގޯތީގެ ބައެކެވެ. މީގެ އިތުރުން ޖީއެމްއާރު އަލުން ގެންނަން ޑިމާންޑްކުރަން ފެށިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެމީހުންނަށް ކާމިޔާބު ލިބޭގޮތްނުވެ ހުއްޓާ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް އަރާވަޑައިގެން މިކަންކަމުގައި ސިއްކަ ޖެއްސެވިއެވެ.

ރައީސް އޮފީހަށް ކޮންމެ ބަޔަކު ނަމަހީ ވެސް އެޕޮއިންޓްމަންޓަ ނުލާ ނުވަދެވޭ ގޮތް ހެދިއެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް އިންޑިއާއިން ރާއްޖެއަށް ފިއްތުންތައް ކުރުވިއެވެ. އެއްކަލަ 150 މިލިއަނުން ބާކީ އޮތް ސަތޭކަ މިލިއަން ވަގުތުން ދައްކަން ޑިމާންޑުކުރަންފެށިއެވެ.

އެހެންކަމުން ރައީސް ޔާމީން ވަގުތުން އެފައިސާ ދެއްކެވިއެވެ. އެހެންކަމުން އިންޑިއާއިން ދެން ގަބޫލުކުރީ ރައީސް ޔާމީނާ އެބޭފުޅުންނަށް ނުކުޅެވޭނެކަމެވެ. ދެން އެހާ ހިސާބުން އިންޑިއާއިން ޖެހި މަޅިއަކީ ރާއްޖެއަށް ދޫކުރުމުން ދިޔަ ވަސީލަތްތައް ހިފަހެއްޓުމެވެ.

އޭގެ ތެރޭގައި ދިވެހިން ކެއިން ބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި ގެދޮރު އިމާރާތްކުރުމުގައި ބޭނުންކުރާ ހިލަވެލި ފަދަ ތަކެތި ހިމެނެއެވެ. އަދި މީގެ އިތުރުން އިންޑީއާގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން ދިޔަ ދިވެހި ރައްޔިތުންނަށް އިންޑިއާ ސަރުކާރުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާން ފެށިއެވެ.

ވިސާގެ ގޮތުން ކިޔަވާ ކުދިންނަށާ ބެލެނިވެރިންނަށް ދުއްތުރާ ކުރަމުން ދިޔައެވެ. ބޭސް ފަރުވާއަށް ދާ މީހުންނަށްވެސް އެތަކެއް ތަކުލީފުތަކެއް ކުރިމަތިކުރުވިއެވެ. މިކަންކަން އަމިއްލަ ގޮތުން ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން ބުނެލާނީ އޭރު ދިވެހި ސަރުކާރުގައި ތިއްބެވި ވެރިން ނޫނޭވާ ކެތްގަދައެވެ.

މިކަންތައްތަކާ ގުޅޭ ގޮތުން އޭރު ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ކޮންސިއުލް އަލީ އާދަމް ވަނީ ޗެނެލް 13 އާ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އަލީ އާދަމް ނުވަތަ އާންމު ނަމުންނަމަ އަލިބެ ޗެނެލް އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދަތިކުރުމުގެ ސިލްސިލާގެ ފުރަތަމަ ފިޔަވަޅު އަޅަން ފެށީ 2014 ވަނަ އަހަރުގައި ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ޑިސެމްބަރު މަހު ޓްރިވެންޑްރަމްގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް އިސްލާމް ،ދިވެހި ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުގައި ހުއްދައަށް ދެންނެވެނު ކަމަށާ 16:14 ރޭޝިއޯ ކަލްޗަރަލް ސެންޓަރ ހެދުމަށް ހުއްދަ ދެއްވި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އިސްލާމް ކިޔަވާ ދިނުމާ ދެކޮޅު ކަމަށް އިންޑިއާ ސަރުކާރުން ބުނި ކަމަށް އަލިބެ ވިދާޅުވިއެވެ. އެގޮތަށް ތިއްބާ އަނެއްކާވެސް 2017 ވަނަ އަހަރުގެ މެދުތެރޭގައި އިސްލާމް ކިޔަވައި ދިނުމުގެ ހުއްދަ ދެވިދާނެ ކަމަށް ކޮންސިއުލްއަށް އެންގިކަމަށް އަލިބެ ވިދާޅުވިއެވެ.

ނަމަވެސް އެއީ އިންޑިޔާއިން ޤަބޫލުކުރާ އެ ޤައުމުގެ ސުންނީ މުސްލިމު ޖަމާއަތެއްގެ ބަޔަކާ ހަވާލުކޮށްގެންނެވެ. އިސްލާމް އުނގަންނައިދިނުމަކީ މުސްލިމުންނަށް ވުމުން ކުރަންޖެހޭ ކަމަށްވާތީ އެކަމާ ކޮންސިއުލުން އޭރު އެއްބަސްވިއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށްވެސް އެ ހުއްދަ ލިބިފައި ނުވާ ކަމަށް އަލިބެ ވަނީ ވިދާޅުވެފައެވެ.

އަލިބެ އިތުރަށް ވިދާޅުވީ އިންޑިއާއިން އޭރުވެސް ރާވަމުން ދިޔައީ އެމީހުންގެ މުށު ތެރެއަށްލާ ދިވެހިން ފިއްތާލުމުގެ މަސައްކަތް ކަމަށާ ނަމަވެސް އޭރު ހުންނެވި ވެރިޔާ އެކަމަށް ފުރުޞަތު ނުދެއްވުމުން ރާއްޖެއާއި އޮތް ގުޅުން އިންޑިއާއިން ކަނޑާލީކަމަށެވެ.

އެހެންކަމުން ތާރީޚަށް ބާލާއިރު މިހާރު އިންޑިއާގެ އަމަލުތައް ހުރި ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އަދި ރާއްޖެ އަޅުވެތިކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އަލިބެ ވިދާޅުވިއެވެ. ކޮންމެ އަކަސް ހިތްޕުޅާވެވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގައި ހުންނެވިއިރު ދެއްވި ފައިސާ އެ ބޭފުޅާ ވެރިކަމުން އިސްތިއުފާ ދެއްވުމުން ވަގުތުން ހޯދުމަށް ދަތިތައް ކުރިމަތި ކުރިމަތި ކުރުވި ބަޔަކަށް މިއަދު އަނެއްކާވެސް ޤައުމުގެ އެކި ތަންތަން ދޭން ނިންމާ އެކި އެއްބަސްވުންތައް ވާނެ ކަމުގެ ކުލަވަރު ފެންނަން ފަށާއިފިއެވެ.

މިއީ ރާއްޖެ ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ އިޝާރާތެކެވެ. އޭރު ނަޝިދުގެ ވެރިކަމުގައި ދެއްވީ 150 މިލިއަން ކަމަށްވާއިރު މިހާރު ދެކެވެމުން މިދަނީ 1.4ބިލިއަން ނުވަތަ 1400 މިލިއަން ޑޮލަރުގެ ވާހަކައެވެ. މިއީ ވިސްނަން ވެއްޖެ ކަމެކެވެ. ޤައުމު އަނެއްކާވެސް ވިއްކާލަނީ ނޫންބާއެވެ.

އަދި ވިއްކާލުމަށްފަހު އެމްޑީޕީގެ އިސްވެރިން އަނެއްކާވެސް ޤައުމުގެ ވެރިކަން ދޫކުރައްވާ ފިލައްވާ ވަޑައިގަންނަވާނީ ނޫންބާއެވެ؟ އޭރުން ދެން މި ރާއްޖެއަށާ ޤައުމުގެ މިނިވަންކަމާ އިސްތިގުލާލުގެ އިތުރުން މިބިން މަތީގައި ދެމިއޮތް އިސްލާމީ ނުރަށް ވާނީ ކިހިނަކުންބާއެވެ؟ މިއީ މިއަދު ޖަވާބު ހޯދަން ޖެހިފައިވާ ސުވާލެވެ. މިކަން ކަމާ މެދު ވިސްނަނީ ކިތައް ދިވެހިން ބާވައެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ގަމަރު 08 ޖޫން 2019 - 02:08

    އަނެއްކާވެސް ގައުމުވިއްކާ ލަނިޔެ ނޫން.........????????????????

ގުޅުން ހުރި
Loading...