ސަރުކާރުގެ ދިފާއުގައި މިފަހަރުވެސް އާއިލީ ބޭފުޅަކު ނިކުމެވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވަނީ ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވާފައެވެ.


އެގޮތުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް އާއިލީ ނުފޫޒު ނުވައްނާނެ ކަމުގެ ޔަގީންކަން ރައީސް ޞާލިހާއި އެމަނިފާނު ތަމްސީލް ކުރައްވާ ޕާޓީންވެސް ވަނީ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ވެރިކަމާ ހަވާޅުވެވަޑައިގެން މި ފާއިތުވެ ދިޔަ މަދު ދުވަސްކޮޅު ތެރޭ ވެރިކަމުގެ ނިޒާމުގެ ތެރެއަށް އާއިލީ ނުފޫޒު ވައްދާ އާއިލީ ވެރިކަމަކަށް މިސްރާބް ޖަހާފައިވާ މަންޒަރު ވަނީ ފެންނަން ފަށާފައެވެ.


މިކަންކަމާ ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން އުފެދިފައި ވަނިކޮށް އަނެއްކާވެސް އެފަދަ އެހެން ކަމެއް މިވަނީ ފާޅުވާން ފަށާފައެވެ.

އެގޮތުން ޤައުމުގެ އިސް މަޤާމުތަކަށް އާއިލީ ބޭފުޅުން އިސްކުރެއްވުމާއި ސަރުކާރުގެ ޕްރޮޖެކްޓްތައް އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުންނަށް ބައްސަވާ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

އޭގެތެރޭގައި ޤައުމުގެ ފުލުހުންގެ އިސްވެރިޔާގެ މަޤާމުން ފެށިގެން ގޮސް ޤާނޫނު ހަދާ މަޖިލީހާއި ރައީސް އޮފީހާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި އާއިލީ ބޭފުޅުން އައްޔަން ކުރެއްވުމީ ވެރިކަމުގެ ކުރިން ވެވަޑައިގެންނެވި ވައުދުފުޅަށް ގޮން ޖެއްސެވުން ކަމަށް ރައްޔިތުން ގަބޫލް ކުރެއެވެ.

މިފަދަ ގޮތަކަށް އާއިލީ ބޭފުޅުން ވެރިކަމުގެ ބާރުގެ ތެރެއަށް އައްޔަން ކުރެއްވުމަކީ ރައީސް ޞާލިހްގެ ވެރިކަން ދިފާއުކުރައްވަން ޖަހާ ސިޔާސީ މަޅިއެއް ކަމަށް ރައްޔަތިން ބުނެއެވެ. މިކަންކަމާމެދު ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށް ރައީސް ޞާލިހާއި ސަރުކާރުގެ ދިފާއުގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ވަނީ އަޑު އުފުލަން ފަށާފައެވެ.


އެގޮތުން ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދުފުޅާއި ޚިލާފަށް ކުރެއްވާ ކަންކަން ރައްޔިތުންގެ ހިތްތަކުން ފޮހެލުމަށްޓަކައި ރައީސް ޔާމިން ސިއްޚީ ނިޒާމް ކޮޅަށް ޖެއްސެވުމަށް ގެންނެވި އިންގިލާބީ ބަދަލުގެ ތެރެއިން ބިނާ ކުރެއްވި 25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ފަންގިފިލާތައް ބޭނުން ނުކުރެވޭ ކަމަށާ އެހެން އެކަން ވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ މިސަރުކާރުން އިންދިރާދީ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގެވުން ހަވާލުކުރައްވާފައިވާ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމު ވަނީ މަސައްކަތް ކުރައްވާފައެވެ.

އެހެން ނަމަވެސް ސަރުކާރުގެ ދޯހަޅި ފޫބެއްދުމަށް ރައީސް ޞާލިހްގެ އަނބިކަބަލުން ފަޒްނާ އަޙްމަދާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުޅޭ ސަލީމު ދަރުމަވަންތަ ހޮސްޕިޓަލުގެ ހިންގުމުގައި އުނދަގޫ ވެގެން ވަރުވަރުން ނޫސް ކޮންފަރެންސްތައް ބާއްވާ އެތަނަކީ ބޭނުން ނުހިފޭ ތަނެއްގެ ގޮތުގައި ހާމަކޮށްދޭން މަސައްކަތް ކުރައްވާއިރު އެއީ ރައީސް ޔާމީންގެ ދައުރު ނިމިގެން ދިޔައިރު އެއްކޮށް ނުނިމިހުރި އިމާރާތެއްކަން ފާހަގަކޮށްލެވެއެވެ.

އަދި ނިމިގެންދާ ސަރުކާރެއްގައި ފަށާފައިވާ ބޮޑެތި ޕްރޮޖެކްޓްތައް ނިންމާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އަބަދުވެސް ހަވާލުވާ ސަރުކާރަކުން ކުރަން ޖެހޭ ކަމެއްކަން މިހާރު ދައުލަތް ހިންގަން ތިއްބެވި ފަރާތްތަކަށް އެނގިވަޑައި ނުގެންނެވުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ކުރީގެ ސަރުކާރުން ތަރައްޤީ ކޮށްފައިވާ ބިޔަ އިމާރާތްތަކުގެ އުނިކަން ދެއްކެވުމުގެ ބަދަލުގައި އެ ބޭފުޅަކަށް ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރެއްވުން ރަނގަޅުވާނެ ކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވިއިރު ސަލީމުގެ ޒިންމާ އަދާ ނުކުރެވުނު ކަމަށް ރައްޔިތުން ބުނެއެވެ.

އަދި އޭރު ހަވާލުވެ ވަޑައިގެން ހުންނެވި ޒިންމާތަކުން ރެކިވަޑައިގަންނަވަން ޖެއްސެވި މަޅިއަކީ އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުން ކަމަށްވީއިރު އެ އެއާޕޯޓް ހޯދަން ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި ހޭދައީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަމެއް ނޫނެވެ. 

އަދި އެއާޕޯޓް ހިންގަވަން ކެރިވަޑައިގެން ނުގެން ބޭރުގެ ބަޔަކަށް ވިއްކާލެއްވި ބޭފުޅާ މިއަދު ސަރުކާރުގެ ހޮސްޕިޓަލް ހިންގެވުމުގައި ދަތިތައް ހުރި ކަމަށް ވިދާޅުވުން ރައްޔިތުން ގަބޫލް ނުކުރާނެ ކަމީ ޔަގީންވާ ކަމެކެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލު ހިންގުން އިންޑިއާ ހަވާލުކުރާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ސަލީމުގެ މި ތުހުމަތުތަކަކީ ދަރުމަވަންތަ ހޮސްޕިޓަލުވެސް ވިއްކާލާނެ ކަމުގެ އިޝާރާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އާލަ 07 ޖޫން 2019 - 01:15

    މީ ހުސް ދައްކަންވީ ވާހަކަ

  2. އަތުލްބިހާރީ 06 ޖޫން 2019 - 20:14

    ޖަހަން ބޭނުންވާ ކޮމެންޓް ހަޖަމު ނުކުރެވޭ ބަޔަކަށް ކިހިނެއް ކޮމެންޓް ކުރާނީ ނޫސްވެރިޔާއަށް ސަނާ ކިޔާފަލިޔާ ކޮމެންޓް ނޫނީ ޖަހާކަށްނުކެރޭ

ގުޅުން ހުރި
Loading...