ސަރުކާރުގެ މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަމަށް ރައްޔިތުން ތުހުމަތުކުރަން ފަށައިފި

އިއްޔެގެ ހަވީރުން ފެށިގެން ދިވެހިރާއްޖޭގައި މީޑީޔާގައި ޗަރުކޭހެހްގެ ގޮތުގައި އެނބުރެމުން އައި ޚަބަރަކީ ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބިރުވެރި އެއް ވަބާކަމުގައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި ޚަބަރެކެވެ. އަޅުގަޑު އެ ޚަބަރަކީ ޗަރުކޭހެއްގެ ގޮތުގައި އެނބުރުނު ޚަބަރެކޭ މި ދަންނަވަނީ އެ މައްސަލައިގައި ހިމެނޭ މީހުން ބަންދުކޮށް ދެން ދިމާވެގެން ދިޔަ ކަންކަމުގެ ސަބަބުންނެވެ.

އެގޮތުން ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހުޅުމާލޭ ގެޔަކުން ޖޫން މަހުގެ ފަސް ވަނަ ދުވަހު ހައްޔަރު ކުރި ދެމީހުންގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް އެމީހުން ފުރަތަމަ ފަހަރަށް ހާޒިރުކުރުމުން އެ ދެމީހުންވެސް ވަނީ ކޯޓުން ދޫކޮށްލާފައެވެ. އެގޮތުން މައްސަލައިގައި ހައްޔަރުކުރި 52 އަހަރުގެ އަންހެން މީހާ ފުރަތަމަ ދޫކޮށްލީ އޭނާ ހައްޔަރު ކޮށްފައި ވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫންކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ދަރިފުޅު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައި ނުވާތީކަމަށް ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައިވުމުންނެވެ.

އަދި 25 އަހަރުގެ މީހާ ފުރަތަމަ ދޫކޮށްލީ އޭނާ ހައްޔަރު ކުރުމުގެ އަމުރާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް އޮތް ދެ އަމުރުން ކުރެ އެއްވެސް އަމުރެއްގައި އަމުރު ނެރުއްވި ފަނޑިޔާރެއްގެ ނަންފުޅު ނެތުމުން އެއީ ފަނޑިޔާރަކު ނެރުއްވި އަމުރެއް ކަން އެނގެން ނެތުމުންނެވެ.

ފުރަތަމަ ފަހަރު މި ދެމީހުންވެސް ބަންދުން ވީއްލުމުގައި ސަރުކާރުގެ މުއައްސަސާއަކާ ރާއްޖޭގެ ފަނޑިޔާރު ގެއެއްގެ އިހުމާލު އޮތް ކަމަށް ދިވެހި ރައްޔިތުން މިހާ ހިސާބުން ބުނަން ފެށިއެވެ. މި ވާހަކަތައް ދެކެވެމުން އަންނަނިކޮށް އޭގެ ގަޑިއިރު ތަކެއް ފަހުން އަނެއްކާވެސް ފެނިގެން ދިޔައީ އެ ދެމީހުން އަންގާރަ ދުވަހުގެ ރޭ މެންދަމު 3:17 ހާއިރު އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ކޯޓު އަމުރެއްގެ ދަށުން ގެނައި ޚަބަރެވެ.

ނަމަވެސް އަނެއްކާވެސް އެ ދެމީހުން ބަންދުން ވީއްލިގެން ދިޔައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފުރިހަމަވާންޖެހޭ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަވެފައި ނުނާތީ ކަމަށެވެ.

ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނު ތަންފީޒުކުރާ އިދާރާ ތަމްސީލުކުރުމަށް ކޯޓަށް ހާޒިރުވާން ވާނީ އެމައްސަލައެއް ތަހްގީގު ކުރުމުގެ މަސައްކަތާ ހަވާލުވެ ހުރި ފަރާތެއް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ. 
ނަމަވެސް އަނެއްކާވެސް ޖޫންމަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެމީހުން ގެނެވުނެވެ.

ކޮންމެ އަކަސް ޗަރުކޭހެއް ހެން އެނބުރެމުން އައި މި މައްސަލައިގައި ދެން ވާނެ ގޮތަކާ މެދު ދިވެހި ރައްޔިތުން މިހާރު ސުވާލު އުފެދިފައެވެ. ކޯޓު އަމުރުގެ ދަށުން ހައްޔަރު ކުރެވުނު ބަޔަކުން ކޯޓުން ދޫކޮށްލުމަށް ވުރެ ބޮޑު ޗަރުކޭހެއް އޮންނާނެތޯ ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަން ހާމަވެގެންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...