"ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޭރު ފަރަންޖީއެއްގެ އެހީ ހޯދަން ޖެހެނީ ކީއްވެ؟"

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަހްމަދު

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި، އިސްލާމީ އުސޫލުތަކާއި ބީރައްޓެހި ފަރަންޖީއެއްގެ އެހީ ހޯދަން ޖެހެނީ ކީއްވެގެންތޯ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަހްމަދު ސުވާލު އުފައްދަވައިފިއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ސަރުކާރުން ސައުތު އެފްރިކާއިން ގެނެސްފައިވާ ފަނޑިޔާރު ޔޮހާން ކްރިގްލާ ރާއްޖޭގެ ފަނޑިޔާރުންނަށް އިންޒާރު ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެބޭފުޅާ ފާޑު ވިދާޅުވިއިރު، ހުދު އެބޭފުޅާ ނިސްބަތްވެވަޑައިގަންނަވާ ދެކުނު އެފްރިކާގައި އެންމެ އިސް ފަނޑިޔާރުން މަރުގެ މައްސަލަތުގައި ނުބައިކޮށް ހުކުމް ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެއްވެސް ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަމަށާއި، ރާއްޖޭގެ ޝަރުއީ ނިޒާމަށްވެސް އިސްލާހުތަކެއް ގެންނަން ޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެކަން ކުރުމުގެ ޤާބިލުކަން ދިވެހިންގެ ތެރޭގައި ހުރި ކަމާ ގުޅުންހުރި ފަރާތްތަކަށް ލިބިފައިވާކަން ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭ ކޮންމެ ފަހަރަކު، އިސްލާމީ އުސޫލުތަކާއި، ދިވެހިންގެ ސަގާފަތާއި ބީރައްޓެހި ބައެއްގެ އެހީ ހޯދަން ޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ޑރ. ޖަމީލް ވަނީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި، މެލޭޝިޔާ ނުވަތަ، އަރަބި އިސްލާމީ ގައުމެއްގެ ތަޖުރިބާކާރެއްގެ އެހީ ނުހޯދޭންވީ ކީއްވެގެންތޯވެސް ސުވާލު އުފައްދަވާފައެވެ.

ކުރީގެ ނައިބު ރައީސް ޑރ.ޖަމީލު ކުރެއްވި ޓްވީޓެއް.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި، ބޭރުގެ ޣައިރު މުސްލިމަކު ރާއްޖެ ގެނައުމުން، ޑރ.ޖަމީލްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވިއިރު، ޑރ.ޖަމީލަކީ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އެމްޑީޕީއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު، އެންމެ ފުރަތަމަ ނެރުނު މެނިފެސްޓޯގައި ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކަށް ގެނައުމަށް ހިމަނާފައިވެއެވެ. އެކަމާއި ގުޅިގެން އެޕާޓީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އަދި ކޯލިޝަން ޕާޓީތައް ވެސް އެކަމަށް އެއްބަސްނުވެގެން، އެންމެ ފަހުން އެމްޑީޕީއިން އެ ސިޔާސަތު މެނިފެސްޓޯއިން އުނިކުރިއެވެ. އެހެންނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މާ ދުރުނޫން މުސްތަގްބަލެއްގައި ރާއްޖޭގެ ކޯޓުތަކުން ބޭރުގެ ފަނޑިޔާރުން ފެނުމަކީ ވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...