ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ- ޚަލީލު

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދޭން ޖެހޭ ކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ދެކެވެމުން އަންނަ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން، މޯދީގެ ދަތުރުފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލް، ލީސް އެގްރީމެންޓެއްގެ ދަށުން އިންޑިއާގެ ކުންފުންޏަކަށް ދޭން ނިންމާފައިވާ ކަމަށާއި، އައްޑޫ ޕޮލިސް ޓްރެއިނިން އެކަޑެމީ ހިންގުމުގެ ނަމުގައި އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ހިމެނޭ ކަމަށް އެޓްވީޓްގައިވެއެވެ.

އަދި އިންޑިއާގެ އެމްބަސީ އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބޮޑު ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ ބިމުގައި ގާއިމްކުރާ އެމްބަސީގެ ބިލްޑިންސް ސްޓްރަކްޗަރގައި ބުދުފައްޅިއެއް ހަދަން ނިންމާފައިވާ ކަމަށްވެސް ޚަލީލް ކުރެއްވި ޓްވީޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެމްއެންޑީއެފް އުތުރު ތިލަފަޅުގައި ގާއިމްކޮށްފައިވާ ސިފަވަރު ބަނދަރަށް 10 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެތަނުގެ 80 އިންސައްތަ އިންޑިއާގެ ނޭވީ ޝިޕް ބަނދަރަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. 

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ކުރެއްވި ޓްވީޓް.

ޚަލީލް ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާދަތާއި ގުޅުންހުރި ވާހަކަތައް ކަމަށާއި، ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމާއި ދިވެހިން ދެކޮޅު ކަމަށެވެ. އަދި ސަރުކާރުން ދިވެހިންގެ ކަންބޮޑުވުންތަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު، ރާއްޖެ ވަޑައިގެންނެވުމަށްފަހު، ސަރުކާރާއެކުގައި ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރަން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...