އަދީބުގެ ހުރިހާ މައްސަލައެއް އަނބުރާ ފޮނުވާލައިފި

ކްރިމިނަލް ކޯޓުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުރިހާ މައްސަލައެއް އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން ނުބެލުމަށް ނިންމީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް އަދީބު ޚިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައެވެ. އެނގިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އިސްވެ ހުންނަވާ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމީ އެ ދެ މައްސަލަ ވެސް ޕީޖީ އަށް އަނބުރާ ފޮނުވުމަށެވެ.
އަދީބުގެ ހުރިހާ މައްސަލަތަކެއް އަނބުރާ ފޮނުވާލަން ހުށަހެޅީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. މިވަގުތު ހުރިހާ ބޮޑެތި ހުކުމަކުން މިންޖުވެވަޑައިގެން ހުންނެވި އަދީބު ގެންދަވަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއްގެ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އޭނާ ހުންނެވީ ގޭބަންދުގައެވެ.
މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރެންސް ކަމަށް ބުނެ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭ އަދީބު މިނިވަންވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.