އެއްވެސް ފަރުދަކު ޤާނޫނާއި ހިލާފު ނުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެއްވެސް ފަރުދަކު ޤާނޫނާއި ހިލާފު ނުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޓްވީޓެއްގައި ވަނީ، ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ހިނދު، ކޮންމެ ފަރުދަކުވެސް ޤާނޫނުގައިވާ ގޮތަށް އެ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

ފުލުހުން އެފަދައިން އިލްތިމާސްކޮށްފައިވަނީ، މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު ރޭ ގަން ހިންގުވާފައިވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އުމުރުން 18 އަހަރުގެ ފިރިހެނަކު، އާންމުން ހިފެހެއްޓި ކަމަށެވެ. ފިހާރަ އިން ވައްކަން ކުރި މައްސަލައިގައި އެ މީހާ ފަހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ ގަން ހިންގުވާފައި ވަނީ ބުރަކަށީގައިވަގު ޖަހައި ސްޕްރޭ ކުރުމަށް ފަހުގައެވެ. މީގެ ދުވަސްކޮޅެއް ކުރިން، ހުޅުމާލޭގައި ކުޑަ ދެފިރިހެން ކުދިންނާއި ބެހުނު ޒުވާނަކުވެސް އާންމުން ވަނީ ގަން ހިންގުވާފައެވެ.

ޤާނޫނާއި ހިލާފު ކަންކަން ނުކުރުމަށް އިލްތިމާސްކޮށް، ފުލުހުން ކުރި ޓްވީޓަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނީ، ރައްޔިތުން ނުކުމެ، އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހެނީ، އެކަން ކުރަން ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާތީ ކަމަށެވެ. އަދި އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...