"ދިވެހި ފަސްގަނޑުން އެހެން ދީނަކަށް ޖާގައެއް ނެތް"

ދިވެހި ފަސްގަނޑުން އެހެން ދީނަކަށް ފުރުސަތު ދޭން ބޭނުންނުވާ ކަމަށް ބުނެ ގިނަ ދިވެހިން ސޯޝަލް މީޑިއާގައި އަޑު އުފުލަން ފަށައިފިއެވެ.

ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތީ އިސްލާމް ދީނެވެ. ގިނަ ރަށްތަކެއް އެކުލެވޭ މި ގައުމުގައި ގާއިމްވެފައިވާ އަމާންކަމާއި، އެއްބައިވަންތަކަމުގެ ސިއްރަކީވެސް އިސްލާމްދީން ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. އެހެންނަމަވެސް އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެ މަސައްކަތް ވަރުގަދަ ކުރަންޖެހޭ ސަބަބުތައްވެސް ދަނީ އިތުރުވަމުންނެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ނައްތާލާ، އެދީން ނޫން އެހެން ދީންތަކަށް މި ފަސްގަނޑުން ޖާގަ ދިނުމަށް، ތާއަބަދު ބަޔަކު ކުރަމުން އަންނަ މަސައްކަތްތަކަށް ދިވެހިން އަބަދުވެސް ފާރަވެރިވެ ތިބެން ޖެހެއެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު ދުނިޔޭގެ އެދުންތަކަށް ހެއްލި، ޔަހޫދީންގެ އަވާގައިޖެހިވަޑައިގެން މާތްވެގެންވާ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކެވިކަން ދިވެހި އެއްވެސް ރައްޔިތަކު އަދި ހަނދާނެއް ނުނެތޭނެއެވެ.

އެގޮތުން 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މިގައުމުގެ ވަލިއްޔުލް އަމްރުކަމާއި ހަވާލުވެ ވަޑައިގެންނެވި ގަލޮޅު ކެނެރީގެ މުހައްމަދު ނަޝީދު ވަނީ އަލްޓަނޭޓިވް ނެރޭޓިވްއެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މުސްލިމުން އެއަށް ތަބާވެ، ފުރިހަމައަަށް އަމަލު ކުރަން އަންގަވާފައިވާ ޤުރުއާނާއި ސުންނަތް ނޫން އެހެން ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އޭރު ދެއްކެވި ވާހަކަފުޅުތައް ދިވެހިން ހަނދާން ނުނެތެނީސް އެފަދަ އެތައް ވާހަކަތައް މިހާރުވެސް ގެންދަނީ ދައްކަވަމުންނެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން ނަޝީދު ވަނީ ރާއްޖޭގައި އުޅޭ އެހެން ދީންތަކަށް ފުރުސަތު ދޭން ބޭނުންވާ މަދު ބައެއްގެ އުއްމީދުތައް އާކޮށްދޭ ފަދަ ވާހަކައެއް ދައްކަވާފައެވެ.

" އިސްލާމް ދީން ނޫން އެހެން ދީންތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އިސްލާމީ އެންމެ ރިވެތި އެއް އުސޫލު. އިރާދަކުރެއްވިއްޔާ މި މަޖިލީހުން އެ އުސޫލުވެސް ދަމަހައްޓަމުން ގެންދާނަން"
މަޖިލީހުގެ ރައީސް ނަޝީދު، ވިދާޅުވީ މިހެންނެވެ.

ނަޝީދު ވިދާޅުވި ވާހަކައާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ވަނީ، އެ ވާހަކަފުޅަކީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭނެ ކަމަށް ނުސީދާކޮށް ހާމަކުރެއްވުން ކަމުގައި ސިފަ ކުރައްވާފައެވެ. އަދި މަޖިލީހުގެ ރައީސްކަމުގެ މަޤާމް ލިބިވަޑައިގެންނެވިތާ އެންމެ 24 ގަޑިއިރުވެސް ނުވަނީސް މަޖިލީހުގައި އެފަދަ ވާހަކަފުޅެއް ދެންނެވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

އެގޮތުން އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިންވެސް ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން ރާއްޖޭގައި އެހެން ދީނަަށް ފުރުސަތު ނެތްކަން، އެމަނިކުފާނަށް ހަނދުމަފުޅުކޮށްދޭންވެސް ވަނީ ފައްޓަވާފައެވެ. ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، އިސްލާމް ދީނަކީ ހައްގު ދީންކަން ދިވެހިން ގަބޫލުކޮށްފައިވާ ކަމަށެވެ.

އަދި ދިވެއްސަކަށް ވެހުރެ ދީން ބަދަލުކޮށް، ފާޅުގައި މުރުތައްދު ވުމުގެ ހައްގެއްވެސް ދިވެއްސަކަށް ނެތް ކަމަށް ޝެއިޚް ވިދާޅުވިއެވެ. ޝެއިހް އަލީ ޒައިދު ނުސީދާކޮށް ނަޝީދަށް ރައްދު ދެއްވާފައިވާއިރު، މީގެ ކުރިން ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ވަނީ އެމަނިކުފާނު ތައުބާވެވަޑައިގަތުމަށްވެސް ގޮއްވާލައްވާފައެވެ.

"ރައީސް ނަޝީދާ މެދު ދީނީ އިލްމުވެރިންގެ ބަސް" މިނަމުގައި މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗުން 48 ސަފުހާގެ ފޮތެއް އެކުލަވާލިއިރު، އެފޮތުގައި 64 ދީނީ އިލްމުވެރިންގެ ބަސް ވަނީ ޝާއިއުކޮށްފައެވެ.

އެފޮތުގައި އިލްމުވެރިން ވަނީ، އިސްލާމީ ޝާރީއަތާއި އަގީދާ ނެގެހެއްޓުމުގެ ބަދަލުގައި ނަޝީދު ފެނިގެން ދިޔައީ ރަސޫލާގެ ސުންނަތްތަކަށް އަދި އުއްމަތުގެ އިޖުމާއުން ސާފުކޮށް ފެންނަން ހުރި ހުކުމްތަކަށް ކުޑައިމީސް ބަސްބުނެ، އެކަން ކަމަށް އިންކާރުކޮށް އޭގެ މައްޗަށް އަމިއްލަ ހިޔާލު އިސްކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. މިއަދު އަނެއްކާވެސް ފެންނަމުން މިދަނީ ނަޝީދުގެ ބަސްފުޅުތަކާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މަންޒަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މާދަމާދެކޭމީހާ 01 ޖޫން 2019 - 08:36

    1997 ހާތަނުގަ 24 ހަކައް ޒުވާނުން އިސްލާމް ދީންދޫކޮއް އެކަން އިއުލާން ކުރި ޑޮކްޓަ ޒާކިރުނައިކު ދިވެހިންނާ ބައްދަލުކުރި ބޮޑުޖަލްސާގަ ދިވެއްސަކު އިސްލާމްދީން ގަބޫލުނުކުރާކަމައް ބުނި ދެންމިދުވަސްވަރު މިފާޑުގެ ކިހާވަރެއް އުޅޭނެބާ

  2. މާދަމާދެކޭމީހާ 01 ޖޫން 2019 - 08:36

    1997 ހާތަނުގަ 24 ހަކައް ޒުވާނުން އިސްލާމް ދީންދޫކޮއް އެކަން އިއުލާން ކުރި ޑޮކްޓަ ޒާކިރުނައިކު ދިވެހިންނާ ބައްދަލުކުރި ބޮޑުޖަލްސާގަ ދިވެއްސަކު އިސްލާމްދީން ގަބޫލުނުކުރާކަމައް ބުނި ދެންމިދުވަސްވަރު މިފާޑުގެ ކިހާވަރެއް އުޅޭނެބާ

ގުޅުން ހުރި
Loading...