ތަނެއްގެ ރިޔާސަތު ބަދަލުވިޔަސް ޤާނޫނެއް ބަދަލެއް ނުވާނެ

ޤައުމެއްގައި ޤާނޫނާ ޤަވާއިދުތަކެއް ހެދިގެން ދަނީ އެޤައުމެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ހެވާ ލާބަޔަށް ޓަކައެވެ. އަދި އެ ޤާނޫނާ ޤަވާއިދުތައް ތަންފީޒުކޮށް ރައްޔިތުން އެކަންކަމަށް އަހުލުވެރި ކުރުމަކީ އޭރެއްގައި އޮންނަ ސަރުކާރުގެ ޒިންމާއެކެވެ.

މީގެ އިތުރުން ޤައުމުގައި އެކުލަވާލާފައިވާ ޤާނޫނުތަކާ ޤަވާއިދުތަކަށް ބަދަލު ގެނެސް ކަންކަން ކުރެވޭނީ އެ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންކަން ޔަގީނެވެ. ނަމަވެސް އެއީ ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާގެ ބާރުތަކަށް އަރާ ނުގަންނަ ހެންނެވެ.

އާދެ މިހާ ހިސާބުން މި ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ބައެއް ބޭފުޅުންނަށް ފަހުމުވެވަޑައިގެންފާނެއެވެ. ނަމަވެސް ފަހުމުވެވަޑައި ނުގަތް ބޭފުޅުންނަށް އަޅުގަޑު ކުޑަ ގޮތަކަށް އަލި އަޅާވާލަ ދޭނަމެވެ. އާދެ މި ދައްކަނީ ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ބައެއް ކަންކަން ހުރި ގޮތުގެ ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ފެނިގެން ދިޔައީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައި ހުރި ޒިންމާތަކުން ރެކި ވަޑައިގަންނަވަން އެކަންކަން އެހެން މީހުންނާ މަތިކުރަމުން ގެންދެވި މަންޒަރެވެ.

އެގޮތުން އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 48 ގަޑިއިރު ނުވަނީސް އެމަނިކުފާނުވަނީ ދެ ކޮމިޝަނެއް އުފައްދަވާފައެވެ. އެގޮތުން އުފެއްދެވި ދެ ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެވެ. އަދި އެ ދެ ކޮމިޝަނަށް ބާރުތަކެއް ލިބޭ ގޮތަށް މަޖިލީހުގެ ތަލުމަށް ބިލެއް ހުށަހަޅާ ވަރަށް އަވަސް ގޮތަކަށް އެ ބިލު ފާސްކުރަން މިއަދުގެ ސަރުކާރުން މަސައްކަތް ފެށިއެވެ.

ނަމަވެސް ޤާނޫނީ ބޭފުޅުންނާ އަދި ވެސް ކަމާ ބެހޭ އިތުރު މާހިރުން ބުނަމުން ގެންދިޔައީ އެ ދެ ކޮމިޝަން އުފައްދާ އެ ދެ ކޮމިޝަނަށް ބާރުތަކެއް ލިއްބައިދިނުމުން ދައުކަތުގެ މުއައްސަސާތަކުގެ ބާރު ކެނޑިގެން ހިނގާދާނެ ކަމަށެވެ.

އަދި ޤާނޫނޫ އަސާސީގައި ބުނާ މިނިވަން މުއައްސަސާތަކުގެ ޒިންމާ އެހެން ފަރާތްތަކުން ނެގުމުން އެ މުއައްސަސާތަކުގެ ބާރު ކެނޑި އަދާކުރަމުން ދިޔަ ދައުރުވެސް ކެނޑިގެންދާނެކަމަށް ވެސް ޤާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އަދި މި ދެ ކޮމިޝަން އުފައްދަވާ މި ދެކޮމިޝަނަށް ބާރުތަކެއް ލިއްބައިދިނުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކި ބަޔަކަށް މާލީ މަންފާތަކެއް ފޯރުކޮށްދިނުމަށާ އަދި ވަކި ބަޔަކު ފްރޭމް ކުރުމުގެ ގޮތުންކަމަށް ޤައުމުގެ މަޞްރަޙު ދިރާސާ ކުރާ ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތުން ކަމެއް ނެތިފައި ތިބި ބަޔަކަށް ބޮޑެތި މުސާރަ ލިބޭނެ ގޮތަށް ފަހި ކުރި މަގެއްގެ ގޮތުގައިވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އަދި ކޮމިޝަންތަކަށް ބާރު ދީފިނަމަ ޤާނޫނޫ އަސާސީއިން މުއައްސަސާތަކަށް ދީފައިވާ ބާރު ކެނޑިގެންދާނެ ކަމަށް ބުނެފައިވާއިރު، 18 ވަނަ މަޖިލިހަށް ހުށަހެޅުނު އެ ބިލު އެ މަޖިލީހަށް ފަސް ފަހަރު ހުށަހެޅުމުންވެސް ވޯޓަށް އަހާފައިނުވެއެވެ.

ސަބަބެއް ކަމަށް އޭރުގެ މަޖިލީހުގެ ރައީސް އަދި 19 ވަނަ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ އެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާވުމުން ކަމަށާ އަދި އެކަން އެގޮތަށް ކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފުކަމަކަށް ވުމުން ކަމަށެވެ.

އެހެންނަމަވެސް މިއަދުގެ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު އަނެއްކާވެސް ފެނިގެން ދިޔައީ އެ ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާ އެ ބިލުގެ ފުރަތަމަ ކިޔުން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި އިއްވާގޮތަށެވެ.

ކޮންމެ އަކަސް މިވެރިން މިވަރަކުން މި ބިލު ފާސްކުރަން އުޅޭ ސަބަބާ މެދު ސުވާލު އުފެދިފައިވާއިރު، ދެން އުފެދޭ ސުވާލަކީ ތަނެއްގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއް ބަދަލުވުމުން ޤައުމެއްގެ ޤަނޫނުތައް ބަދަލުވެގެން ދާނެ ތޯއެވެ؟ އެހެންނެއް އެކަމެއް ނުވާނެ އެހެން ނޫންތޯ؟

މަޖިލީހުގެ ތެރެއިން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ޖާގަ ހުޅުވިގެން ނުވާނެއެވެ. މިއީ މިއަދު ދިވެހި ރައްޔިތުން ލޯ ހުޅުވާ އެކަމަށް ފާރަވެރިވާން ޖެހިއްޖެ ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަފްލާ 01 ޖޫން 2019 - 23:48

    މި ބިލުތައް މަޖިލީހިން ފާސް ކޮއްފިނަމަ ދެން ދާން އޮތީ ސްޕރީމް ކޯޓް މިނިންމުން ސްޕްރީމް ކީޓުން ބާތިލު ކުރަންޖެހޭނެ ސަބަބަކީ ތަޙްގީގީ އިދާރާ ތަކާއި ޝަރުޢީ ކޯޓް ތަކުގެ ބޭނުން މި ބިލުގެ ސަބަބުން ނުވަތަ ފާސް ކުރުމުގެ ސަބަބުން ކެނޑިގެން ދާނެ ކަމަކައްވާތީއެވެ. ޢެހެންނޫނީ ޕޮލިސް ކޮމިޝަނަރ ނުވަތަ ޕޮލިސް ޕޮލިސް އިންޓެރގްރިޓީ ކޮމިޝަންތައްވެސް އުވާލަނވީއެވެ. ޢިބޫ ސޯލިހު އިބްލީހުގެ ބަހައް ހެއްލި މިކަން ކުރުމަކީ ވ މޮޔަކަމެކެވެ. ޤާޒީ ހައިލަމު އެކަނި ހުރިހާ ކަމެއްކުރަން ދޫކޮއްލާށެވ. ޢެއީ އަދީބްގެ ކޮރަޕްޝަން ފައިސާ ލިބިނު މީހެއްކަމައް ވ ޝައްކު ކުރެވެއެވެ.

ގުޅުން ހުރި
Loading...