ދުނިޔޭގެ އެންމެ ކޮރަޕްޓް ޤައުމުން ރާއްޖޭގެ މައްސަލަތައް ބެލުން: އިންސާފެއްބާ؟

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން އެންމެ ބާރަށް ދައްކަވަމުން ގެންދެވި ވާހަކަތަކަކީ، އެމަނިކުފާނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ނިސްބަތްވެ ވަޑައިގަންނަވާ ކޯލިޝަނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ މި ޤައުމުގެ އެތައް ކަމަކަށް ބޭރު ޤައުމުތަކުގެ ދިގު އަތް ބާނާނެ ވާހަކައެވެ.

ނަމަވެސް އޭރު އެމްޑިޕީން ގެންދެވީ އެކަން ދޮގުކުރަމުންނެވެ. އަދި ބުނަމުން ދިޔައީ ޜާއްޖޭގެ ކަންކަން ނިންމާނީ ރާއްޖެއިން ކަމަށާ ބޭރުގެ އެއްވެސް ޤައުމަކަށް އެކަމަކަށް ފުރުޞަތު ނުދޭނެ ވާހަކައެވެ. އަދި މި ޤައުމުގެ މިނިވަން ކަމާ އިސްތިޤުލާލަށް ކުޑަވެސް ބުރުލެއް އަރާނެ ޖާގަ ނުދެއްވާނެ ކަމަށްވެސް އޭރު އެ ބޭފުޅުން ގެންދެވީ ބުނަމުންނެވެ.

ދިވެހި އެތައް ރައްޔިތުންނެއް އެބޭފުޅުންގެ އެ ވާހަކަތަކަށް އިތުބާރުކުރައްވާ ވޯޓުދެއްވިއެވެ. ޒަމާނުއްސުރެ އޮތް ހުކުމް އެ ބޭފުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަމާއެކުވެސްމެއެވެ. ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ފެންވަރު ދިވެހިން ގައިގާ ހުރިކަމުނެވެ.

ނަމަވެސް ވެރިކަން ލިބި، އެވެރިކަން އާއިލީ ވެރިކަމަށް ބަދަލުވުމުގެ މަރުހަލާގައި އޮތް އިރު،ފެންނަމުންދަނީ ދިވެހިރާއްޖެއިން ކަންކަން ނިންމުމުގައި ބޭރު ޤައުމުތަކަށް ބަރޯސާވަމުން ގެންދާ މަންޒަރެވެ. އަދި ގިނަ ކަންކަމުގައި އެންމެ ގައުމަކަށް ދިވެހިރާއްޖެއިން ބަރޯސާވަމުން އަންނަ މަންޒަރު ފެންނަން ފަށައިފިއެވެ.

ޤައުމުގެ މިނިވަން ކަމާ އިސްތިޤުލާލާ ގުޅިފައި ހުރި ކަންކަން އޭގެ ތެރޭގައި ހިމެނޭއިރު ޤައުމުގައި ހިނގާފައިހުރި މައްސަލަތައް ކަމަށް ބުނާ ކަންކަން ވެސް ހިމެނެއެވެ.
އެގޮތުން ބަލާއިރު، ދިވެހިރާއްޖެއިން ވަރަށް ގިނަ ކަންކަމުގައި އިންޑިއާއަށް ބަރޯސާވަމުންދެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިތުރުކޮށްފައިވާ އިރު ބުނަމުން ދަނީ އެއީ ހެލިކޮޕްޓަރުތައް ބަލަހައްޓަން ގެންނައި ބައެއް ކަމަށެވެ.

ނަމަވެސް އިންޑިޔާއާ ރާއްޖޭއާއި ސިއްރު އެއްބަސްވުން ތަކެއް ކުރިއަށްދާކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅަކަށް މިދުވަސްވަރު ވެފައިވަނިކޮށް ދެން އިވުނު އަނެއް އަޑަކީ ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި މައްސަތައް ބަލަންވެސް އިންޑިއާ އެ ދެމެދަށް ވަޞީލަތެއްގެ ގޮތުގައި ބޭނުންކުރަން ނިންމި ވާހަކައެވެ.

އެގޮތުން މަނީ ލޯންޑަރިންގް ފަދަ މާލީ ކުށްތައް ހުއްޓުވަން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އިންޑިއާގެ ކަމާބެހޭ މާހިރުން ފޮނުވަން އެ ގައުމުގެ ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. އެ ގައުމުގެ އިސް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ހިންގާ މާލީ ކުށްތައް ތަހުގީގު ކުރާނެ މާހިރުން އިންޑިއާ އިން ފުރަތަމަ ފޮނުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ދެކޮޅަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިދާރާތަކާއި ގުޅިގެން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމުގެ މަސައްކަތް ކުރާނެކަމަށް އެ އޮފިޝަލުން އިތުރަށް ބުނެފައިވެ އެވެ.

އަދި އެ މާހިރުން އިންޓަޕޯލް، ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި އާއި އެހެނިހެން ބައިނަލްއަގުވާމީ އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތައް ކަނޑައަޅައިދޭނެކަމަށްވެއެވެ. 
ކަންމިހެން ހުރި އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އެތަނެއްގައި ކޮރަޕްޝަނާ ފަސާދަ އިތުރުވެ ހައްދު ފަހަނަ އަޅާފައިވާ ތަނަކުން ބަޔަކުން ގެނެސްގެން އެހެންތަނެއްގައި ހުރި މައްސަލަތައް ހައްލުކުރެވިދާނެ ބާއެވެ.

އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން ކޮރަޕްޝަން އެންމެ މަތި ޤައުމަށްވާއިރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް އެކަނި ބަލާލިއަސް އެޤައުމުގެ ޙާލާތު އެނގިގެން ދެއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ ސާޅީސް އިންސައްތަ އަކީ ބޮޑެތި ކުށްވެރިންނެވެ. އެހެންކަމުން ކޮރަޕްޝަން ބޮޑު ތަނަކުން ބަޔަކު ގެނެސްގެން މި ޤައުމުގެ މައްސަލަތަކުގެ ތެރެއަށް ބޭނުމަކީ އިންސާފު ލިބޭނެ ކަމެއްބާއެވެ. ނޫނީ މީ ވަކި ބަޔަކު ފްރޭމްކޮށް ވަކި ބަޔަކު މަޅިއަކަށް ފެއްތުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސިލްސިލާއިން ބައެއް ބާއެވެ؟

ތަފާތު އެކި ނަންނަމުގައި އިންޑީއާ އިން މީހުން ގެނެސް ދިވެހި ރާއްޖޭގައި އިންޑިއާގެ މީހުން ބާރުވެރިވެ އަތްގަދަ ކުރުމުގެ ގޮތުން ކުރެވޭ ކަންތައްތަކެއްގެ ގޮތުގައި މިފަދަ ކަންތައްތައް ވެގެންދާ ކަމަށް މިއަދު ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިކަމާ ނުރުހުން ފާޅުކޮށް ސަރުކާރާއި އިދިކޮޅުގައި ހަރަކާތްތެރިވާ ސިޔާސީ ބޭބޭފުޅުން އަންނަނީ ވަކާލާތުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަމުންގެނަދަވަނީ އިންޑިއާއިން ރާޢްޖެއަށް އެކި އެހީތެރިކަން ފޯރުކޮށްދެނީ ރާޢްޖޭގެ މިނިވަންކަން ނަގާލަން ނޫންކަމަށެވެ. އެހެންނަމަވެސް ފެންނަ މަންޒަރުތަކާއި އެވެރިން ދަކާ ވާހަކަ އަދި މިހާތަނަށް ވަނީ ދިމާނުވެފައެވެ.

މަޑުމަޑުން ހުޅަނގު ގެ މީހުންގެ އަތްދަށަށް ރާއްޖޭ ދާން ފަށައިފިއެވެ. މީ ވިސްނާލުން ވަރަށް މުހިންމު ވަގުތެކެވެ. އެހެންނޫންތޯއެވެ؟


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...