ބާރުތައް ވަކިކުރަން އައި މީހުން ބާރުތައް މުށު ތެރެއަށް ލާ ފިއްތާލައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވީ ތިންބާރު ވަނީ އެމަނިކުފާނުގެ މުށު ތެރޭގައި ކަމަށެވެ. އަދި ބާރުތައް ވަކި ކުރެވި އެއް ބާރު އަނެއް ބާރަށް އަރައި ނުގަތުމަށާއި، ކޮންމެ ބަޔަކަށްވެސް އެބައެއްގެ ޒިންމާ އަދާކުރުމަށް ހަމަ ހަމަ ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.

ނަމަވެސް އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން ވެރިކަމަށް ވަޑައިގެން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ސަރުކާރުގެ ތިންބާރު ވަކި ނުވާ ވާހަކަ އާ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަމުންދާ ވާހަކައަކީ ޒަމާނުއްސުރެ ވެސް އިވެމުންދާ ވާހަކައެކެވެ. އަދި ވެރިކަމުގައި ހުންނަވާ ބޭފުޅަކު ސަރުކާރުގެ ހުރިހާ އިދާރާތަކަށް ނުފޫޒު ފޯރުވާ ވާހަކަ އަކީ އެއީ ވެސް ރަން 30 އަހަރެއްގެ ވެރިކަމުގެ ތެރެއިން އިވިގެން ގޮސްފައިވާ އަޑެކެވެ.

ނަމަވެސް އެކަން އެގޮތަށް ވާން ނުޖެހޭ ކަމަށާ ސަރުކާރުގެ ބާރުތަކަކީ ވަކި ވެފައިވާ އެއްޗަކަށް ހަދަން ޖެހޭ ކަމަށް ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފުވެ އޭރުގެ އިދިކޮޅުން ވަކާލާތު ކުރެއްވިއެވެ. އަދި އޭރު އެ ބޭފުޅުން ވިދާޅުވަމުން އައީ ރާއްޖޭގައި 30 އަހަރު ކުރަމުން އަންނަނީ އާއިލީ ވެރިކަމެއް ކަމުގައެވެ. އަދި ބުނަމުން ދިޔައީ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

ކޮންމެ އަކަސް އެވާހަކަތަކާ އެކު ބަދަލަކަށް އެދި އެދި ތިބި ދިވެހި ރައްޔިތުން ބޮޑު ބަދަލެއް ރާއްޖޭގެ ވެރިކަމަށް ގެނައެވެ. ދިގު 30 އަހަރުގެ ވެރިކަން ނިންމާ ޒުވާން ބޭފުޅަކު ވެރިކަމަށް އިންތިޚާބު ކުރެއްވިއެވެ. ގ.ކެނެރީގެ މުހައްމަދު ނަޝީދު ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސް ކަމުގެ ހުވާ ކުރެއްވި ހިސާބުން ޤައުމު ފާލުން ނެއްޓި ކަންކަން ޗާޓުން ބޭރުން ކުރައްވަން ފެއްޓެވި މަންޒަރު ފެންނަން ފެށިއެވެ. ނަމަވެސް ދިވަހި ރައްޔިތުންނަށް އެގޮތް ކަމު ނުގޮސްގެން ކަންކަން ރަގަޅު ކުރުމަށް އެމަނިކުފާނު އަރިހު ދަންނަވަން ފެށިއެވެ.

ނަމަވެސް އެމަނިކުފާނުގެ ނިންމުންތައް ބަދަލު ކުރައްވަން ޚިޔާރު ނުކުރައްވާ އެމަނިކުފާނުގެ ނިންމުންތަކާ އެކު ކުރިއަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ދިވެހި ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހި ނުރުހުން ފާޅުކުރަން ފެށުމުން ރައްޔިތުން ހަވާލުކުރެއްވި އަމާނަތް ބޮލާލާ ޖެއްސެވުމަށްފަހު އިސްތިއުފާ ދެއްވާ ނަޝީދު ވަޑައިގެންނެވިއެވެ.

އޭގެ ފަހުން 2013 ވަނަ އަހަރުގެ ނޮވެމަބރު މަހުގެ 17 ވަނަ ދުވަހު ދިވެހި އުދަރެހުން އަލިގަދަ ތަރިއެއް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއެވެ. މއ.ކާމިނީގެ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު މި ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ޤައުމު ހަމަ މަގަށް އެމަނިކުފާނު އެޅުއްވިއެވެ. ޤައުމުގެ ތިންބާރު އެއްބާރު އަނެއް ބާރަށް ނުފޫޒު ނުފާރުވޭނެ ހެން ކަންކަން ބައްޓަންކޮށް ރޭއްވެވިއެވެ.

ނަމަވެސް އޭރުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑިޕީން ތުހުމަތު ކުރައްވަމުން ގެންދެވީ ކެބިނެޓުގައިވެސް އެމަނިކުފާނުގެ އާއިލީ ބޭފުޅުން ތިއްބެވި ކަމަށާ އަދި ސަރުކާރުގެ ތިންބާރު އެއްވެފައިވާ ކަމަށެވެ. އަދި ހަރުއަޑުން ގޮވަމުން ދިޔައީ އެކަންކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާ އެގޮތުން 2018 ވަނަ އަހަރު ނަގާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކޯލިޝަނަށް ވޯޓު ދެއްވަން ދިވެހި ރައްޔިތުން ޖެހޭ ކަމަށެވެ.

ގިނަ ތުހުމަތުތަކެއް ހުރި ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ ދެއްކިގޮތުން ކޯލިޝަން ކެންޑިޑޭޓު ޅ.ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ޞޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އެހާ ހިސާބުން އަޅުގަޑު ހިތަށް އެރިއެވެ. ދެން މިޤައުމުގެ ކަންކަން އެހެންވީމާ ދާނީ ވަރަށް އިންސާފުންތާއެވެ.

މިހެން ހިތާ ހުއްޓާ ފެންނަން ފެށި މަންޒަރު ވަރަށްވެސް ތަފާތެވެ. އާއިލީ ވެރިކަމެއް ނިންމަން ކަމަށާއި، ބާރުތައް ވަކިކުރަން ކަމަށް ބުނެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާ ގޮތް ފެނި ދެލޯ ބޯޑުވެގެންދިޔައެވެ.

ޤައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅާގެ އަނިބކަނބަލުންގެ ޅިޔަން ކޮއްކޮ ޤައުމުގެ ފުލުހުންގެ އިސް މީހަކަށް އައްޔަންކުރެވުނެވެ. ދައުލަތުގެ ތިންބާރުން ކުރެ އެއް ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވެރިކަމުގައި ހުންނެވި ބޭފުޅާގެ އެންމެ ގާތް އެކުވެރިޔާ އަދި ރައީސްގެ އަނބިކަންބަލުންގެ ދެބެންގެ ދެދަރި ބޭފުޅެއް އައްޔަން ކުރެވިގެން ދިޔައެވެ. އަދި މަޖިލީހުގެ ނައިބުކަމަށް މަޖިލީހުގެ ރައީސް ދެބެންގެ ދެދަރި ބޭފުޅަކު އައްޔަނު ކުރެވުނެވެ.

ދެން ހިތަށް އެރީ މިވަނީ ކިހިނަކުންބާއެވެ. ބާރުތައް ވަކިކުރަން އެންމެ ބާރަށް ހަރުއަޑުފުޅުން ވަކާލާތު ކުރެއްވި ބޭފުޅުންގެ ސަރުކާރުން ފެނިގެން މިދާ ޗަރުކޭހަކީ މިއީ އެއް ބާރު އަނެއް ބާރަށް އަތް ދިކޮށްލީމާ ފޯރާ ހިސާބު ކައިރީގައި ހުރި ކަންކަމަށްވާއިރު އެބޭފުޅުން އެ ވިދާޅުވާ ތިން ބާރު ވަކި ކުރާ ގޮތަކީ މިއީ ބާއެވެ؟

ބާރުތައް ވަކިކޮށް އާއިލީ ވެރިކަމެއް ނިންމަން ވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ފެނިގެން މިދަނީ ހުރިހާ ބާރެއް މުށުތެރެއަށް ލާ ފިއްތާލަމުން ގެންދާ މަންޒަރެވެ. ވެރިކަމުގައި ހުރި ލައްޒަތާ ފޮނިކަން އިހުސާސު ކުރެވުމުން ދޫކޮށްލަން ހަމަ ކެރިވަޑައިނުގެންނެވީ ކަމަށް ވެދާނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...